Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ސަރުކާރުން ތަރައްގީ ގެނައުމުގައި އާބާދީ ތަފާތު ނުކުރާނެ: ރައީސް

އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފެންފުށީ ކައުންސިލާއެކު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ދެއްކެވި ވާހަަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި އަސާސީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރައްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާއެކު ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި ސްކޫލަށް އިތުރު 8 ކްލާސްރޫމުގެ އިމާރާތެއްގެ މުހިންމުކަމާއި ހެލްތު ސެންޓަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުންފަދަ ކައުންސިލާ ރައްޔިތުން ބޭނުންވާ މުހިންމުކަންކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި އައު މިސްކިތަކާއި ކައުންސިލު އިދާރާގެ އައު އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

ފެންފުށީގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުން އަދި ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.