Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

އައްޑޫގެ މިސްކިތްތައް ހިލޭ މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ހިލޭސާބަހަށް ކޮށްދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމުގައި ދަރުމައަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ މިސްކިތެއް ހުރި އަވަށެއްގެ އަވަށު އޮފީހަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށްފަހު އަވަށު އޮފީހުގައި ނަންނޯޓު ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫގައި 60 އަށް ވުރެ ގިނަ މިސްކިތް ހުންނަ އިރު، މިއީ، ރާއްޖޭގައި އެއް ސަރަހައްދެއްގައި އެންމެ ގިނަ މިސްކިތް ހުންނަ ސަރަހައްދެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މިސްކިތްތަކާއި ޤަބުރުސްތާނުތައް ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖައްސައި އެޚިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްގެ ބެލެމުގެ ދަށަށް 2018 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ބަދަލުކޮށްފައެވެ.