Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އައްޑޫ މޭޔަރު ޗުއްޓީއަށް ދާތީ ކައުންސިލުން އެސްޖީއަށް ލަފާދިނުން ފަސްކުރަނީ

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުޙައްމަދު ޝުޖާއުގެ ނަމަށް ކައުންސިލުން ލަފާދޭން ސިވިލް ސާވިސް ކޮމިޝަނުން އެދިފައިވާ މުއްދަތު އިތުރުކޮށްދޭން އައްޑޫގެ މޭޔަރު އަލީ ނިޒާރު އެދިއްޖެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެސްޖީގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި މުހައްމަދު ޝުޖާއު އާއި މެދު ކައުންސިލަށް ފެންނަ ގޮތެއް މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން ސިވިލް ސާވިސްއަށް ފޮނުވައިދިނުމަށެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހަށް، ނިޒާރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މި މައްސަލަ އަށް ގޮތެއް ނިންމޭނީ ކައުންސިލްގެ އާންމު ބައްދަލުވުމަށް ހުށަހަޅައިގެން ކަމަށާއި އެ މުއްދަތުގައި އޭނާ ހުންނަވާނީ އާއިލީ ޒިންމާ ޗުއްޓީގައި ކަމަށެވެ.

މި މުހިއްމު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާތީ އެސްޖީގެ ނަމަށް ކައުންސިލުގެ ލަފާ ހޯދަން އެދިފައިވާ މުއްދަތު މި މަހުގެ 15 އަށް އިތުރުކޮށްދޭން ވަނީ އެދިފަ އެވެ.

އެސްޖީގެ އިންޓަވިއު އިން އެއްވަނަ ހޯދި ޝުޖާއު އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ. އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީ އިން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ޝުޖާއު މިހާރު ގެންދަވަނީ ބިޒްނަސް އެޑްމިނިސްޓޭޓްރޭޝަން އިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ. މީގެ އިތުރުން ޝުޖާ ވަނީ އެސްޓީއޯގައި 21 އަހަރުގެ މުއްދަތަކަށް ވަޒީފާ އަދާކޮށް މަތީ މަގާމުތަކެއް ފުރުއްވާފަ އެވެ.

މީގެއިތުރުން ޝުޖާއު ވަނީ މޯލްޑިވް ގޭސްގެ ބޯޑު ޑިރެކްޓަރުގެ މަގާމު ފަސް އަހަރު ދުވަހަށް އަދާކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ވެސް ހަތަރު އަހަރު ދުވަހަށް މަސައްކަތް ކޮށްފައެވެ.

ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8870 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އަށް މުސާރައިގެ ގޮތުގައި 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6800 ރުފިޔާ ލިބޭނެއެވެ.