Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޔާމީންގެ ވާހަކަތަކަށް ރައްދު ދިިނީ ޔާމިންގެ ވެރިކަންް؟؟!

ރައީސް ޔާމިންގެ ވެރިކަމުގައި ޖަލަށްލީ މީހުންގެ ފޮޓޯ އެއް

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމް އިން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާގައި ރައީސް ޔާމިން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. ބަހުގެ ހަމަލާތައް ޖޯޝާ ފޯރީގައި އެކި ގޮތް ގޮތުން ދެއްވަމުން ގެންދެވިއިރު އެކި ފަހަރު އެކި ބޭފުޅުންނަށް އަމާޒުކުރައްވަމުން ގެންދެވި އެވެ.

އެމަނިކުފާނުގެ ފާޑުކިޔުން އަމާޒުނުވާ އެއްވެސް ދާއިރާއެއް ނެތެވެ. އެމަނިކުފާނުގެ ވެރިކަމާއި މިހާރު ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ތަފާތު ވިދާޅުވަމުން ގެންދެވީ ޖޯޝާފޯރީގައި ހުންނަވައިގެންނެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ ރައީސް އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫނު އަބްދުލް ގައްޔޫމަށާއި ނައިބު ރައީސް ފައިސަލް ނަސީމާށާއި އެމްއެންޕީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒަށާއި ސިފައިންގެ އިސްވެރިންނަށް ފާޅުގައި ގެންދެވީ ފާޑު ވިދާޅުވަމުންނެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ އެ ވާހަކަތަކަށް މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ރައްދު ދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަންކުރެއްވި ގޮތުގެ ހަނދާންތަކުންނެވެ. މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމިންގެ ވެރިކަމުގައި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިނުގެންނެވި ތިބީ މަދު ބޭފުޅުންކޮޅެކެވެ. އެ ބޭފުޅުން އޭރުގެ ހަނދާންތައް އާކޮށް ދެއްވީ އަނިޔާވެރީ އޭރުކަން ބުނެދިނުމަށެވެ.

ރައީސްކަން ކުރެއްވުމަކީ މިހާ އަނިޔާވެރިވާން ޖެހޭ ކަމެއް ނޫން
ރައީސް ޔާމިން ސިފަ ކުރެއްވީ މިއީ އަނިޔާވެރި ޖައްބާރު ވެރިކަމެއްގެ ގޮތުގަ އެވެ. އެމަނިކުފާނު އަސަރާއެކު ކުރެއްވި ސުވާލަކީ ވެރިކަމަކީ މިހާ އަނިޔާވެރިވާން ޖެހޭ ސަބެބެއް ތޯ އެވެ. އަދި އެހެންމެ އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ އާއިލާ ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި ހިތްދަތިކަން ތަކުރާރުކުރެއްވި އެވެ. މިއީ އަނިޔާވެރި ސަރުކާރެއް ކަމަށް ބުނެ ރައީސް ޔާމިން ދެއްކެވި ވާޙަކަތަކަށް ރައްދު ދެއްވި އެ ބޭފުޅަކީ އެމަނިކުފާނަށް ބޮޑޫބޭބެ ވިދާޅުވާ ހެރިޓޭޗް މިނިސްޓަރ ޔުމްނާ މައުމޫނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ބޭއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ޔުމްނާ ހަނދާންކޮށްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލީ މީހުންގެ ހަނދާންތަކެވެ.

ރައީސް ޔާމިން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމުން އެއީ އަނިޔާޥެރިކަން ގޮތުގައި ސިފަ ކުރެއްވުމުން ބައެއް މީހުންގެ ހަނދާންކޮށްދިނީ 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ޖަލަށްލީ އަބްދުﷲ ރަޝީދު ހުކުމް ތަންފީޒުކުރަމުންދަނިކޮށް ކަރެކްޝަނަލް ސާވިސް އިހުމާލުން މަރުވި ހަނދާނެވެ. އަދި އެ މައްސަލައިގައި ކަރެކްޝަނުގެ އިހްމާލު އޮތް ނަމަވެސް، އެކަން ސާބިތު ކުރެވޭ މިންވަރަށް ހެކިނެތް ކަމަށް ބުނެ ދައުވާކޮށްނުދިން ކަން ބައެއް މީހުން ހަނދާނަށް ގެނައީ ރައީސް ޔާމިން ދެއްކެވި ވާޙަކަތަކާ ގުޅިގެންނެވެ.

މި ސަރުކާރުން އަނިޔާވެރިކަމަށް ވިދާޅުވެ ރައީސް ޔާމިން މި ޖަލްސާގައި ދެއްކެވި ވާޙަކަތަކަށް ބައެއް މީހުން ރައްދު ދިނީ އެމަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް އެ މަގާމުން ވަކި ކުރުމުން އޭރު ދެއްކެވި ވާހަކަތަކުގެ ހަނދާންތަކުންނެވެ. ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނެވި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އެމަނިކުފާނު އޭރު ދެއްކެވި ވާޙަކަތައް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ސަރުކާރާ އިދިކޮޅު މީހަކު ހުރިއްޔާ މި ސަރުކާރުން ކުރާ ކަމަކީ އެކި ކޮމިޝަންތަކަށް ހާޒިރުކުރުން ކަމަށްވެސް ރައީސް ޔާމިން ވިދާޅުވުމާއެކު ބައެއް މީހުން ވަނީ އޭރު މީހުންގެ މައްޗަށް އުފުލި ސިޔާސީ ދައުވާތަކުގެ މަތިން ހަނދާންކޮށްދީފަ އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށް ޖަލަށްލި އެވެ. އެންމެ ބޮޑަށް ގިނަ ބަޔަކު ހަނދާންކޮށްދިން އެއް މާޒީއަކި ވެސް އެއީ އެވެ.

މިނިވަން ނޫސްވެރިކަމެއް ކުރިން އޮވެފައި މިހާރު ނެތް ކަމަށް ވިދާޅުވި ވާހަކަފުޅު
ރައީސް ޔާމިން މި ޖަލްސާގައި ނޫސްވެރިންނަށް ފާޑު ވިދާޅުވެ ފާހަގަ ކުރެއްވި އެއްކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި އެ މިނިވަންކަން ހޯދާދެއްވި ވާޙަކަ އެވެ. އަދި މިހާރު އެ މިނިވަންކަން ނެތްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުންވެސް ރައްދު ދިނީ އޭރުގެ ހަނދާންތަކުންނެވެ.

ރައީސް ޔާމިންގެ ވެރިކަމަކީ މިހާތަނަށް ނޫސްވެރިކަމުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ދުވަސްތައް ކަމަށް ނޫސްތަކުން ބުނެ އެވެ. ނޫސްވެރިން ހިފާ ހައްޔަރުކުރުމާއި ނޫސްތައް ބަންދުކުރަންކުރަން ޖެހުމާއި ހަމަހަމަކަމެއް ނެތި ނޫސްތައް ޖޫރިމަނާ ކުރުންވެސް މީގައި ހިމެނެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަކަން ދިން ވާހަކަ ރައީސް ޔާމީން ވިދާޅުވުމުން ސޯޝަލް މީޑިޔާގައި އެނބުރެން ފެށީ އޭރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނޫސްތަކުގެ ބޮޑު ލިސްޓެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ގިނަ ނޫސްވެރިންތަކެއް މަގުމައްޗަށް ނިކުމެ ނޫސްވެރިންގެ ހައްގު ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރަންޖެހުނެވެ.

އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށްވެސް ބައެއް މީހުންގެ ރައްދު
މި ޖަލްސާ ރައީސް ޔާމީން ވަނީ ފުރަތަމަ ފަހަރަށް އިންޑިޔާއާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނުގެ ވާޙަކަފުޅުގައި މިއީ އިންޑިޔާގެ ޓައުނެއް ނޫން ކަމަށާއި އިންޑިޔާގެ އަޝްކަރިއްޔާގެ އެންމެ މީހަކުވެސް ރާއްޖޭގައި ހުރުމަށް ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ވާހަކަތަކަށް ބައެއް މީހުންދިން ރައްދުގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިޔާގެ އަޝްކަރިއްޔާގެ އިސް ފަރާތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ ހަނދާންތައް އާކޮށް ސޯޝަލް މީޑިޔާގައި އެކަން ފާހަގަކުރި އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އިންޑިޔާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކާއި އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުގެ ފޮޓޯ އާއި ވީޑިއޯތައްވެސް މި ޖަލްސާއަށް ފަހު ބައެއް މީހުން ހިއްސާކުރަންފެށި އެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކުރާކަމަށް ޔާމިން ވިދާޅުވުން ބައެއް މީހުނަށް ވީ ޖޯކަކަށް
ރައީސް ޔާމިންގެ ވެރިކަމުގެ ފަސް އަހަރަކީ ޝަރުއީ ދާއިރާގެ އިތުބާރު ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ގެއްލިގެން ދިޔަ ދުވަސްތައް ކަމަށް ބައެއް މީހުން ފާހަަގަކުރެ އެވެ. ނަމަވެސް ކޯޓުތަކަށް ސަރުކާރުން އަތްބާނާ ނުފޫޒުފޯރުވަން އުޅުނު ކަމަށް އެމަނިކުފާނު ވިދާޅުވުމުން ގިނަ ބަޔަކު ރައްދުގައި ހަނދާންކޮށްދިނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ކުރި ދައުވާތަކުގެ މަތިންނެވެ. އަދި ސިޔާސީ އެކި މީސްމީހުނަށް ކޯޓުން ހުކުމް ކުރަމުންދިޔަ ގޮތް ރައީސް ޔާމިންގެ ވާހަކަތަކަށް ބައެެއް މީހުން ދިން ރައްދުގައި ފާހަގަކުރި އެވެ.

ރައީސް ޔާމީން ޒަމާންތަކަކަށްފަހު މިފަދަ ޖަލްސާއެއްގައި ދެއްކެވި މި ވާހަކަތަކަށް އެކި މީހުން ދިން ރައްދުތައް ފާހަގަކޮށްލެވީ އެއީ އެމަނިކުފާނުގެ ވެރިިކަމުގައި އަމަލުކުރި ގޮތް ކަމަށްވާތީ އެވެ. އެންމެ ގިނަ ބަޔަކު ފާހަގަކޮށްފައި އޮތީ އެގޮތައް ވާހަކަ ދެެއްކެވީ "ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމަ"ކަމަށެވެ.

ރައީސް ޔާމީން ދެއްވި ފޯރިގަދަ ވާހަކަފުޅަށް އާއްމުންނާއި ސިޔާސީ އިސް ފަރާތްތަކުން ރައްދު ދިންއިރު އެމަނިކުފާނުގެ އެ ވާހަކަތައް ދިފާއުކޮށް ނުވަތަ ތާއީދުކޮށް ވާހަކަދެއްކި މީހުންގެ މަދެވެ.