Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

މޯލްޑިވިއަން އިން ގަން-ހުވަދޫ ކަނެކްޓިވިޓީ ގާއިމުކުރަނީ

ސްރީލަންކަން އެއާލައިންސް އިން އައްޑޫ ސިޓީ ގަމަށް ދަތުރުތައް ފަށާފައިވަނީ މޯލްޑިވިއަން އިން ގަން-ހުވަދޫއަށް ކަނެކްޓިވިޓީ ދޭ ގޮތަށް ކަމަށް އައްޑޫ ގަން އެއާޕޯޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވެއްޖެ އެވެ.

ގަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައިސް ވިދާޅުވީ ބޭރު ފްލައިޓްތައް ގެނެސްގެން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ދެކުނު އެއާޕޯޓުގެ ކަނެކްޓިވިޓީ ކަމަށާއި އެގޮތުން ފްލައިޓްތަކަށް ރަނގަޅު ގޮތެއްގައި ކަނެކްޓިވިޓީ ދެވެނޭ މަގުތަކެއް ހޯދުމަށް މޯލްޑިވިއަން އާއި މަންޓާ އެއާއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"ސްރީލަންކަން ފަށާފައި މިއޮތީ މޯލްޑިވިއަން އިން ހުވަދު އަތޮޅަށް ކަނެކްޓިވީ ދޭ ގޮތަށް. މޯލްޑިވިއަން އިން އެ ޔަގީންކަން ވެސް ދީފައިވަނީ އެގޮތަށް ކުރިއަށް ގެންދަން" ގައިސް ވިދާޅުވި އެވެ.

ގައިސް ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ކުރެވިގެން ދިޔުމުން ބޭރުގެ އިތުރު ފްލައިޓްތައް ގެނައުމަށް ވެސް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ އެވެ. އައްޑޫ އެއާޕޯޓަކީ A380 ފިޔަވައި އެހެން ހުރިހާ ފްލައިޓްތަކަށް ހިދުމަތް ދެވޭނެ އެއާޕޯޓެއް ކަމަށާއި ބޭރުގެ ފްލައިޓްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށްވެސް ގައިސް ވިދާޅުވި އެވެ.

މީގެއިތުރުން ގަން އެއާޕޯޓު ކުންފުނިން ބޭނުންވަނީ ދެކުނު ސަރަހައްދުގެ އިގްތިސާދު ކުރިއެރުވުމުގެ ބައިވެރިއަކަށްވުން ކަމަށްވެސް ގައިސް ވިދާޅުވި އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އިން އިއްޔެ ވަނީ އަލުން އައްޑޫ އަށް ދަތުރުތައް ފަށާފަ އެވެ. އައްޑޫ އަށް މީގެކުރިން ކުރަމުން އައި ދަތުރުތައް ސްރީލަންކަން އިން މެދުކަނޑާލީ ކޮވިޑް-19 އާއި ގުޅިގެންނެވެ. މީގެކުރިން ގަމާ ކޮލޮމްބޯއާ ދެމެދު ހަފްތާއަކު ހަތަރު ފްލައިޓް ބާއްވާއިރު، މިހާރު ހަފްތާއަކު ބާއްވާނީ އެއް ފްލައިޓެވެ.