Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޖައްބާރު ސިކުނޑިއެއްގެ ވެރިއަކަށް ޔާމީން ބަދަލުވެއްޖެ

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީް (އަނދުން ހުސައިން) -- ފޮޓޯ / މަޖިލިސް

ޖައްބާރު ސިކުނޑިއެއްގެ ވެރިއަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަދަލުވެފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ރޭ ސަންގުޓީވީގައި ވާހަކަދައްކަމުން ހުސެއިން ވިދާޅުވީ ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޔާމީންގެ އަނިޔާވެރިކަން ނޫން ކަމެއް ދެކެވިފައި ނުވާ ކަމަށާއި ޔާމީނަކީ އޯގާތެރި ސިކުނޑިއެއްގެ ވެރިއެއްގެ ބަދަލުގައި އަނިޔާވެރި ޖައްބާރު ސިކުނޑިއެއްގެ ވެރިއަކަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

އެ ޖަލްސާގައި ޔާމީން އެތައް ވާހަކަތަކެއް ދެއްކެވިއިރު ވެސް ކޮވިޑް-19 ގެ މުސީބާތުގައި ރާއްޖޭގެ ސިއްހީ ފަރާތްތަކުން ކުރެއްވި ގައުމީ ޖިހާދުގެ ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށާއި މިއީ ހަސަދަވެރިކަން ހުރި މިންވަރު ހާމަވާ ކަމެއް ކަމަށް ހުސެއިން ވިދާޅުވި އެވެ.

"އެކަމުގައި ނިކުމެ މަސައްކަތް ކުރި ދަރުމަވެރިންގެ ނަން ވެސް ގަނެލާފައި ނެތް. ހަސަދައިން ފުރިފައި ހުރި ހަސަދަވެރި ސިކުނޑިއެއްގެ ބޭފުޅަކަށް ރައީސް ޔާމީން ވަނީ ބަދަލުވެގެން ގޮސްފައި" ހުސެއިން ވިދާޅުވި އެވެ.

މީގެއިތުރުން މި ސަރުކާރަކީ ޖައްބާރު ސަރުކާރެއް ކަމަށް ޔާމީން ވިދާޅުވިއިރު ޖައްބާރު ވެރިކަމެއް ކުރެއްވުނީ އެމަނިކުފާނަށްކަން ޔާމީނަށް އެނގިވަޑައިނުގެންނެވި ކަމަށް ހުސެއިން ވިދާޅުވި އެވެ. މި ސަރުކާރުން ހައްޔަރުކުރި މީހެއް ނެތް ކަމަށާއި ޔާމީން ވެސް ހުންނެވީ ގޭ ބަންދުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް ޣައްސާން މައުމޫން ބައިންދަވައިގެން ޣައްސާންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޔާމީން މަލާމަތް ކުރެއްވުމަކީ ދަށް ފެންވަރު ކަމަށާއި އެއީ ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން ކުރައްވަންޖެހޭ ޒާތުގެ ކަމެއް ނޫން ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އަހުލާގީ ފެންވަރު ވެސް މިހާރު އެހުރީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ފެންވަރެއްގައެއް ނޫން" ހުސެއިން ވިދާޅުވި އެވެ.