Last Updated: April 23, 14:45
Tuesday, April 23, 2024
ޚަބަރު

ސޫކީގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އަން ސަން ސޫކީ--

އަސްކަރީ ބަޣާވާތަށްފަހު ގޭބަންދުގައި ހުރި މިޔަންމާގެ ކުރީގެ ލީޑަރު އަން ސަން ސޫކީގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ސޫކީގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުން ނެޗުރަލް ޑިޒާސްޓަރ ލޯގެ ދަށުންނެވެ.

ސޫކީގެ މައްޗަށް ޖުމްލަ 11 ދައުވާއެއް އުފުލިފައިވާއިރު، އެ ހުރިހާ ދައުވާތަކަށް ވެސް ސޫކީ ވަނީ އިންކާރު ކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހު އަސްކަރިއްޔާއިން ބަޣާވާތެއް ގެނެސް، ސޫކީގެ އިންތިޚާބީ ސަރުކާރު ވައްޓާލައި، ލީޑަރުން ހައްޔަރުކުރި އިރު، ސޫކީ މިހާރު ހުރީ ގޭ ބަންދުގައެވެ. ސޫކީގެ އިތުރުން ކުރީގެ ރައީސް އަދި މިސޫކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)ގެ ބައިވެރިއެއް ކަމަށްވާ ވިން މިއިންޓް ވެސް ވަނީ ހަމަ އެ ދައުވާތަކުގެ ދަށުން ހަތަރު އަހަރަށް ޖަލަށްލާފައެވެ.

މިއަހަރުގެ ކުރީކޮޅު މިޔަންމާގެ އަސްކަރިއްޔާއިން މިޔަންމާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ކުރުމަށްފަހުއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ. އަދި އެމުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާތަކުގައި އެތައްބަޔަކު މަރުވެސް ވިއެވެ.

ގާތްގަނޑަކަށް 50 އަހަރުވަންދެން މިޔަންމާގައި ވެރިކަން ކުރަމުން އައިސްފައިވަނީ އެގައުމުގެ އަސްކަރިއްޔާ އިންނެވެ. ނަމަވެސް 2010 ވަނަ އަހަރު އެކަން ބަދަލުވިއިރު، މިޔަންމާގެ ގާނޫނު އަސާސީ މިހާރު ބުނާގޮތުން އެގައުމުގެ އަސްކަރިއްޔާ އަށް ގާނޫނު ހަދާ މަޖިލީހުން ވަކި މިންވަރަކަށް ގޮނޑިތަކެއް ދޭން ލާޒިމު ކުރެއެވެ. އަދި ބާރުގަދަ ބައެއް ވުޒާރާތައް ވެސް އަސްކަރިއްޔާ އަށް ދޭން އޮންނަނީ ލާޒިމުކޮށްފައެވެ.