Last Updated: January 19, 11:57
Wednesday, January 19, 2022
ރިޕޯޓް

އައްޑޫ މޮނިޓަރިން ހާލަތުގައި އޮންނަތާ 100 އަށް ވުރެ ގިނަ ދުވަސް

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު -- ފައިލް ފޮޓޯ (ޖަޒީރާ)

28 އޮގަސްޓު 2021 ގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއި ކުރައްވާ އައްޑޫ ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީގައި އޮތީ، އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވުނު ވާހަކައެވެ. އަދި ހަމަ އެ ދުވަހު އައްޑޫ ސިޓީގެ މޭޔަރު ސޮއި ކުރައްވާ ނެރުއްވި އިއުލާނެއްގައި އޮތީ، ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި ފިޔަވަޅުތަކެއް އެޅި ވާހަކައެވެ. ރޭގަނޑު ކާފިއު ހިންގައި، އާންމު އެއްވުންތައް މަނާކޮށް، ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ހިންގުން މެދުކަނޑާލިއެވެ. މިކަމަށް މިއަދު 104 ދުވަސް ވީއެވެ. ދުވާލެއްގެ މައްޗަށް އައްޑޫއިން 40 އަށްވުރެ ގިނަ ކޭސް ފެނުނު ދުވަސްތައް އައެވެ. ނަމަވެސް، މިހާރު އެ އަދަދުތައް އުޅެނީ 10 އަށްވުރެ ދަށުގައެވެ. ފާއިތުވެދިޔަ 4 ދުވަހެއްގެ ތެރޭގައި މި އަދަދުތައް ދަށްވެފައިވާއިރު، އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު 12 ޑިސެމްބަރަށް ހަމަވާނެއެވެ.

އައްޑޫގައި ކޮވިޑް އެކްޓިވް ކޭސްތައް 400 އާ ގާތްކުރާ ދުވަސްތައްވެސް އައިކަން ފާހަގަކޮށްލެވެއެވެ. އެ އަދަދުތައް މިހާރު ދަށްވެފައިވާއިރު، އައްޑޫ ސިޓީގެ ފޭދޫ އަވަށުގައި އެކްޓިވް އެންމެ ކޭހެއްވެސް ނެތެވެ. މަރަދޫފޭދޫ އަވަށުގައި އެކްޓިވް އެންމެ 4 ކޭސް އޮތްއިރު، ހިތަދޫ އަވަށުގައި 114 އަށްވުރެ ގިނަ އެކްޓިވް ކޭސް އެބަ އޮތްކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، މަރަދޫގައި 12 ކޭސް، މީދޫގައި 13 ކޭސް އަދި ހުޅުދޫގައި 14 ކޭސް އުޅޭއިރު، ގަމުގައި 1 ކޭސް އުޅޭކަން އައްޑޫ އީއޯސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އައްޑޫގެ މަރަދޫ އަވަށާއި ފޭދޫ އަވަށަކީ އެ އަވަށްތަކުގެ އާބާދީއާ ބަލައި އެންމެ ގިނައިން ކޭސްތައް ފެނުނު 2 އަވަށެވެ. ނަމަވެސް މި 2 އަވަށުގެ އެކްޓިވް ކޭސްތައް މިއަދު 20 އަށްވުރެ މަދުވެފައިވާކަމީ، އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.

28 އޮގަސްޓުން ފެށިގެން 28 ނޮވެމްބަރާ ހަމައަށް އަައްޑޫގައި އަޅާފައިހުރި ފިޔަވަޅުތައް ތަންފީޒުނުވެ، އައްޑޫއިން ކޮވިޑް-19 ފެންނަ މިންވަރު އިތުރުވިއެވެ. އޭރުވެސް ކާފިއު ހިންގާފައި އޮތެވެ. އެއްވުންތައް ބޭއްވުންވެސް މަނަލެވެ. ނަމަވެސް އެ މުއްދަތުގައި ގިނަ އެއްވުންތައް ބާއްވާފައިވަނީ ވެސް ފިޔަވަޅުތައް އެޅި އިދާރާތަކުގެ އިސްވެރިން ތިއްބަވައިގެންނެވެ. ކާވެނި ޕާޓީތަކާއި އެހެނިހެން ހަފްލާތައްވެސް ކުރިއަށް ދިޔައީ އަޅާފައިވާ ފިޔަވަޅަކަށް ފަރުވާލެއް ނެތިއެވެ. ނަމަވެސް 28 ނޮވެމްބަރުގައި އައްޑޫގެ މޭޔަރު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅުއްވައި، އެކަން އިއުލާން ކުރައްވާފައެވެ. ކުރިން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ ހަރުކަށި ފިޔަވަޅުތަކެކޭވެސް ބުނެވިދާނެއެވެ. އަދި އައްޑޫ ފުލުހުން ވަނީ، އެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެކަމުގެ ހެކި މިއަދު އެ ފެންނަން ހުރި އަދަދުތަކުން އެނގި ސާފުވަމުން އެބަ ދެއެވެ.

އަދަދުތައް މަދުވަމުން ދިޔަނަމަވެސް، އައްޑޫގެ ރައްޔިތުން އަދިވެސް ސަމާލުކަން ދޭންވީ ފަރުދީ ޒިންމާ އަދާކުރުމަށެވެ. ފުލުހުން "އަޅާނުލާ" ކަމަށް ބުނެ، ފަރުވާކުޑަ ނުކުރުމަށެވެ. އިތުރު 100 ދުވަސް މޮނިޓަރިންގައި ހޭދަކުރަން ނުޖެހޭނެހެން އަމަލުތައް ބެހެއްޓުމަށެވެ. އައްޑޫ ސިޓީގެ އިސްވެރިންގެ ބަހަކީވެސް މިއީއެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އިލްތިމާސަކީވެސް މިއީއެވެ.

28 ނޮވެމްބަރުން ފެށިގެން ޑިސެމްބަރު 12 އާ ހަމައަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލެއް ގެނޭތޯ ގިނަ ރައްޔިތުން މިހާރު ތިބީ ކެތްމަދުވެފައެވެ. ކޮވިޑުގެ އަދަދުތައް މަދުވުމާއެކު، ފިޔަވަޅުތަކަށް ލުއި ދޭނެ ބާވައޭ ގިނަ ރައްޔިތުން ސުވާލު އުފައްދައެވެ. އައްޑޫގެ ރައްޔިތުން ތިބީ މި ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށް އުންމީދު ކޮށްގެންނެވެ.