Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ހަޝޮގްޖީ މަރާލުމުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޯގްޖީ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ މީހަކު ފްރާންސުން ހައްޔަރު ކޮށްފިއެވެ.

ފްރާންސް ފުލުހުންގެ މަސްދަރަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދިއަރަބިއްޔާއަށް ނިސްބަތްވާ ޚާލިދު އަދީހް އަލޮތައިބީ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ޕެރިހުގެ ޗާލްސް ޑި ގޯލް އެއާޕޯޓުންނެވެ.

ބެލެވޭގޮތުގައި މީނާއަކީ މިމަރުގެ މައްސަލައާ ގުޅިގެން ތުރުކީއިން ހޯދަމުންދާ ސައުދީގެ 26 މީހުންގެ ތެރޭގައި ހިމެނޭމީހެކެވެ. މިކަމާ ގުޅިގެން ސައުދީގެ އޮފިޝަލަކު ބުނެފައިވަނީ ހަޝޮގްޖީގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަަށް ސައުދީގައި ކުށް ސާބިތުވެފައިވާކަމަށެވެ.

އުމުރުން 33 އަހަރުގެ ސައުދީގެ ކުރީގެ ރޯޔަލް ގާޑު، ދަތުރުކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަމުގައި ކަމަށާއި އޭނާ ބަހައްޓާފައި ހުރީ ޖުޑީޝަލް ޑިޓެންޝަންގައި ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޮގްޖީ މަރާލީ އެގައުމުގެ ބާރުގަދަ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށްކަން އެމެރިކާއިން މިއަހަރު ކުރީކޮޅު ހާމަ ކުރި އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރު ހަޝޮގްޖީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭގައެވެ. ހަޝޮގްޖީ ސައުދީ ކޮންސިއުލޭޓަށް ގޮސްފައިވަނީ ލިޔުމެއް ހޯދުމަށެވެ. އެގޮތުން ކޮންސިއުލޭޓުގެ ތެރޭގައި ހަޝޮގްޖީގެ ހަށިގަނޑުގެ ގުނަވަންތައް ވަނީ ކޮށާލާފައެވެ.

އެމެރިކާ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ވަލީއަހުދު ރަހުން ދީފައި ވަނީ ހަޝޮގްޖީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ. މިއީ ހަޝޮގްޖީގެ މަރުގައި ވަލީއަހުދު ރޯލެއް ކުޅެފައިވާކަން އެމެރިކާ އިން ހާމަކުރި ފުރަތަމަ ފަހަރެވެ.

އެ ރިޕޯޓުގައި ވަނީ ވަލީއަހުދުގެ އަމުރަށް މިކަން ކުރި ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި 2017 ވަނަ އަހަރުން ފެށިގެން ސައުދީގެ ނިންމުންތައް ނިންމުމުގައި އޭނާ އަށް އޮންނަ ބާރާއި، ހަޝޮގްޖީ މަރާލުމުގެ އޮޕަރޭޝަނުގައި ވަލީއަހުދުގެ އެޑްވައިޒަރަކާއި އަދި އޭނާގެ ބޮޑީގާޑުންގެ ޓީމުގެ މެމްބަރުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ އިން ނެރުނު މި ރިޕޯޓު ސައުދީން ވަނީ ބަލައިގަންނަން ދެކޮޅު ހަދާފައެވެ. އެގޮތުން އެގައުމުން ބުނީ އެ ރިޕޯޓަކީ ދޮގާއި އޮޅުވާލުމުން ފުރިފައިވާ ރިޕޯޓެއް ކަމަށް ސިފަކޮށްފައެވެ. މީގެކުރިން ވަލީއަހުދު ވެސް ވަނީ ހަޝޮގްޖީގެ މަރުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.