Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

މީދޫ ރަންފުތު ޕާކު ވީރާނާވާން ދޫކޮށްލާފައި؟

މީދޫ ރަންފުތު ޕާކު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ގ) ގެ ދަށުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު، މީދޫ ކުޑަކުދިންގެ ޕާރކުގެ ނަން ރަންފުތު ޕާކަށް ބަދަލުކުރި އެވެ. އެދުވަހު އައްޑޫގެ އެހެން އަވަށްތަކުގެ މުހިންމު އެކިއެކި ކުޅިވަރު ބިންތަކާއި، ޕާކުތަކާއި، މައިޒާންތަކުގެ ނަންވެސް ބަދަލުކުރި އެވެ. އަވަށުގެ ރައްޔިތުން ހީކޮށްގެން ތިބީ އެތަނުގެ ނަން ބަދަލުކުރުމާއެކު، އެތަނަށްވެސް އާރޯކަން ލިބޭނެކަމަށެވެ. ކުޑަކުދިންގެ ޕާރކަކުން ލިބޭނެ ހިތްހަމަޖެހުން ލިބޭނެކަމަށެވެ. ނަމަވެސް މިއަދު ފެންނަން އޮތް މަންޒަރަކީ، ރަންފުތު ޕާކުގެ އެއްވެސް "ރަން" ކަމެއް ނެތް ތަނެވެ. ވީރާނާވެ، ހަލާކުވާން ދޫކޮށްލާފައި އޮތް މަންޒަރެވެ.

ދޮގެއް ނޫނެވެ. އައްޑޫ މީދޫގައި ފިނިމައިޒާންތައް ވަރަށް ގިނައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނާނީ ކޮންމެވެސް އެއް މައިޒާނެކެވެ. އަވަށުގެ އާންމުން ހިތްހަމަ ޖައްސާލަން ދެވޭނެ ތަންތަން މަދެއް ނުވާނެއެވެ. ނަމަވެސް ދައްކަން މިއުޅެނީ އެ މައިޒާންތަކުގެ ހިތްފަސޭހަކަމުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ، އަވަށުގެ އެންމެ އިސްތިރާޖީ އެއް ސަރަހައްދުގައި ވީރާނާވާން ދޫކޮށްލާފައި ހުރި ޕާރކެއްގެ ވާހަކައެވެ. އެތަނުން މަންފާއެއް ނުކުރާހާލު، މުސްތަގުބަލަށް ކަނޑައެޅިފައިވާ ޕްލޭނެއްވެސް ނެތް ވާހަކައެވެ.

މި ޕާރކު މިހެން ވީރާނާވާން ދޫކޮށްލާފައި އޮތް މަންޒަރު ފެނުމުން އަވަށުގެ އެންމެ އިސްވެރިޔާއަށް ފޯނުކޮށްލީމެވެ. އަވަށުގެ އެންމެ އިސްވެރިޔާ ކަމުގައިވާ އަވަށުގެ ކައުންސިލަރު އާމިނަތު ޞާލިހާ ވިދާޅުވީ، އެތަނާމެދު އަދި ވަކި ގޮތެއް ވިސްނަވާފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތަނުގައި ނުހުންނާނެކަމަށް ޞާލިހާ ވިދާޅުވި އެވެ.

އެތަނުގައި ކޮންމެ ގޮތެއްވިޔަސް ޕާކެއް ނުހުންނާނެ. ގޯތި ކަނޑާފައި ދުލެއް ނުކުރާނެ، ކައުންސިލަރު ވިދާޅުވި އެވެ.

މީދޫ ރަންފުތު ޕާކާމެދު، ކައުންސިލަރު ޞާލިހާ ތަސައްވުރެއް އެބަ ގެންގުޅުއްވައެވެ. ރަންފުތު ޕާކު ކައިރީގައި ތަރައްގީކުރާ ޓުއަރިޒަމް ޒޯނުގެ ހަރަކާތްތައް ފެށުމާއެކު، އެމިއުސްމެންޓް ޕާކެއް ކަހަލަ ތަނެއް އެތަނުގައި ތަރައްގީކުރުމުގެ ވިސްނުމެކެވެ. އަދި ސްޓޯލްތައް ހަދައި، އެތަނުން މަންފާ ހޯދައިދިނުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މީގެއިން އެއްވެސް ކަމަކީ، ފައިނަލް ވިސްނުމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސާލަކަށް ސުވެނިއަރ ޝޮޕް ނުވަތަ އައްޑޫ ރަހަ ވިއްކާ ސްޓޯލްތަކެއް އެތަނުގައި އެތަނުގައި ތަރައްގީކުރުމުގެ ވިސްނުމެއް އެބަ ގެންގުޅެން، ސާލިހާ ވިދާޅުވި އެވެ.

މީދޫގައި މިވަގުތު ކުޑަކުދިންގެ ޕާކެއް ނެތަސް، ކުރިއަށް އޮތް ތަނުގައި މީދޫ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ހަދަން ނިންމާފައިވާ ކަމަށް ސާލިހާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސާކް ސަމިޓަށް މީދޫގައި ބެހެއްޓި މޮނިއުމެންޓްގެ ފަހަތަށް ވާ ގޮތަށް އޮތް ހުސް ބިމުގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ސާލިހާ ވިދާޅުވި އެވެ. އަދި އެތަނުގައި ތިބި ބައެއް ފަރާތްތަކުގެ މުދައު ނަގަންވެސް އަންގާފައިވާކަން ސާލިހާ ވަނީ ފާހަގަކުރައްވާފަ އެވެ.