Last Updated: January 19, 13:24
Wednesday, January 19, 2022
ޚަބަރު

މަތިކިޅި އިކޯ ގާޑަންގެ ހާލަތު ގޯހުން ގޯހަށް

މަތިކިޅި އިކޯ ގާޑެނަކީ މީދޫ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ މިތަނަކީ، އަވަށުގެ ފަޚުރެކޭވެސް ބުނެވިދާނެއެވެ. މީދޫގެ ޓުއަރިޒަމް ޕްރޮމޯޓްކުރާ "ޓޫލް" އެކޭވެސް ބުނެވިދާނެއެވެ. ނަމަވެސް މިއަދު އެތަނުގެ ހާލަތު އޮތީ އެހެންނެއް ނޫނެވެ. އެތަނަށް ޒިޔާރަތްކުރަން ދާ މީހުންނަށް ނުރައްކާ ވާ ފަދަ ހާލަތަކަށް އެތަން ވަނީ ގޮސްފައެވެ. އެތަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކަށް އެކަން ފުރިހަމައަށް ނުވުމުގެ ސަބަބުން މިތަނުގެ ބްރޭންޑް އިމެޖް ނެތިދިއުމުގެ ބިރު މިއަދު އޮތީ ހީވެފައެވެ.

މީސްމީޑިއާގައި މީހުން ހިއްސާ ކޮށްފައިވާ ފޮޓޯތަކަށް ބަލާލާއިރު ފެންނަނީ އެތަން ބެލެހެއްޓުމުގެ ޒިންމާ މަތި ކޮށްފައިވާ އިސް ފަރާތްތަކުން ފަރުވާ ކުޑަކޮށްލާފައި އޮތް މަންޒަރެވެ. ވޯލްކް ވޭތައް ހަލާކުވެ، އެތަނުގެ ތެރޭގައި ހިނގާބިނގާ އުޅެ ހަދަން ދަތިކަން ފާހަގަކޮށްލެވެއެވެ. ބައެއްގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ އެތަނުގެ ބޭނުން ނުހިފޭ ހާލަތެއްގައި އޮތުމުގެ ޒިންމާ ނަގާނެ އެއްވެސް ފަރާތެއް ނެތުމުން އަވަށުގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. މިކަމުގެ ސަބަބުން ގެއްލުން ވަނީ ހަމަ ޔަގީނުންވެސް މީދޫގެ ރައްޔިތުންނަށެވެ. އައްޑޫލައިވަށް މައުލޫމާތު ދެއްވަމުން މީދޫ އަވަށުގެ އަވަށުގެ ރައްޔިތަކު ބުނީ ކައުންސިލްގެ އެއްބާރުލުން މިކަމުގައި އެއްވެސް ވަރަކަށް ނުލިބޭ ކަމަށާއި، އެއީ މީދޫގެ އެސެޓެއް ކަމަށެވެ.

އެތަން ނުބެލެހެއްޓި އޮތުމުން އެ އޮތީ ވީރާނާވެފަ. ވަރަށްވެސް ދެރަ. މިތަނަކީ މީދޫ ރައްޔިތުންގެ ބޮޑު އެސެޓެއް، އޭނާ ބުންޏެވެ.

މީގެއިތުރުން އިކޯ ގާޑެން ބެލެހެއްޓުމުގެ ކަންކަން ކައުންސިލަށް ލިބިފައި އޮތް 3 ލައްކަ ރުފިޔާގެ ބަޖެޓުން ނުކުރުމުން އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިތަން ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް. ކައުންސިލަށް އެކަން ނުކުރެވި ދިއުމަކީ ކައުންސިލްގެ އެއްބާރުލުން މިފަދަ ކަންކަމުގައި ނުލިބޭކަމުގެ އަލިގަދަ ހެއްކެއް، އޭނާ ބުންޏެވެ.

08 ސެޕްޓެންބަރު 2020 ވަނަ ދުވަހު އައްޑޫ ސިޓީ މީދޫގެ މަތިކިޅި ސަރަޙައްދު ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. 5 ޖޫން 2021 ވަނަ ދުވަހު އެތަން ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރެވުނެވެ. އަދި އެތަން ބެލެހެއްޓުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ޕީއެސްއައިޕީ ބަޖެޓުގައި 300،000 ރުފިޔާ ހިމެނިއެވެ. އަދި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯ ޓުއަރިޒަމް އަދި އިކޯގާރޑަން ކޮންސެޕް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި، އެ ސަރަޙައްދުގެ ރެސްޓަރޭޝަނަށް ބޭނުންވާ ގޮތަށް، އެސަރަޙައްދުގައި ފެތުރެމުންދާ ވިނަތައް ސާފުކުރުމާއި، އެ ސަރަޙައްދު މެނޭޖްކުރުމަށް ބޭނުންވާ ޓޫލްސް ގަތުމަށް އެއްބަސްވުމެއްގައި ސޮއިވެސް ކުރިއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރިޔަސް މިއަދު މީދޫ ރައްޔިތުންގެ ޝަކުވާއަކީ މަތިކިޅި އިކޯ ގާޑަންގެ ހާލަތު ގޯހުން ގޯހަށް ދިއުމުން އަޅާލާނެ ބަޔަކު ނެތުމެވެ. އެތަނަށް ލިބުނު 3 ލައްކަ ރުފިޔާ ވީނުވީއެއް ނޭނގި ވުމެވެ. މިތަނަކީ އަލުން ޓުއަރިޒަމް ޕްރޮޑަކްޓެއްގެ ގޮތުގައި މަޝްހޫރުވެ، ރަށަށް އާމްދަނީ އިތުރުކޮށްދޭ ވަސީލަތަކަށްވުން ވެގެންދާނީ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކަށެވެ.