Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

މޯދީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ ޓްވިޓާ އެކައުންޓް ރޭގެ ވަގުތެއްގައި ހެކްކޮށްފި އެވެ.

މޯދީގެ އެކައުންޓް ހެކްކުރުމަށްފަހު އެ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ވިޔަފާރީގެ މުއާމަލާތްތަކުގައި ބިޓްކޮއިން ބޭނުންކުރަން އިންޑިއާ އިން ރަސްމީކޮށް ނިންމާފައިވާ ކަމަށާއި އެގޮތުން އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ބެހުމަށް ސަރުކާރުން ބިޓްކޮއިން ގަނެފައިވާ ކަމަށް ބުނެފަ އެވެ. އެ ޓްވީޓު ފަހުން ވަނީ ޑިލީޓްކޮށްލާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މޯދީގެ އެކައުންޓް ހެކްކުރިކަން އެނގުނު ހިސާބުން އެކަން ޓްވިޓާ އަށް އަންގައި އެކައުންޓުގެ ސަލާމަތްކަން ވަރުގަދަ ކުރަން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ހެކްކުރި ވަގުތުކޮޅުގެ ތެރޭގައި މޯދީގެ އެކައުންޓުން ކުރި ޓްވީޓާއި މެދު އަޅާނުލުމަށް ވެސް އެ އޮޮފީހުން ވަނީ އެދިފަ އެވެ.

މޯދީގެ އެކައުންޓުގައި 73.4 މިލިއަން ފޮލޯވަރުން ތިބެ އެވެ.

މިދިޔަ އަހަރުތެރޭގައި ބަޔަކު ވަނީ މޯދީގެ ރަސްމީ ވެބްސައިޓު ވެސް ހެކްކޮށްފަ އެވެ.