Last Updated: January 19, 11:57
Wednesday, January 19, 2022
ރިޕޯޓް

އެންމެ ފުރިހަމަ ޓުއަރިޒަމް ޒޯނަކަށް މީދޫގެ ޓުއަރިޒަމް ޒޯން

އައްޑޫގެ އަވަށްތަކުގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ޓުއަރިޒަމް ޒޯންތަކުގެ މަޝްރޫއެވެ. އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާ މި މަޝްރޫއުގެ ސަބަބުން ގިނަ ބަޔަކަށް އާމްދަނީ ލިބިި، ރަށުގައި ތިބެގެން ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އައްޑޫގެ އަވަށްތަކުގައި ހިންގާ ޓުއަރިޒަމް ޒޯންތަކުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، އެންމެ އަވަހަށް އަދި އެންމެ ފުރިހަމައަށް ލޭންޑްސްކޭޕް ކުރެވުނު އެއް ޒޯނަކަށް މީދޫގެ ޒޯން ވާނެކަން ޔަގީނެވެ.

މީދޫގެ މަލަމައްޗަށް ރީތިކަން މި ޒޯނުން ވަނީ ގެނެންސީފައެވެ. ކުރިން ބޮޑު ހުސް ބިމެއްގެ ގޮތުގައި އޮތް ތަނެއް މިހާރު ވަނީ މުޅިންވެސް ޗާލު ކޮށްލާފައެވެ. މަދީ އެބުނާ ބޮޑެތި އިމާރާތްތަކެވެ. ޓުއަރިޒަމް ޒޯނުން ބިންތައް ކުއްޔަށް ދޫކުރުމަށް އަނެއްކާވެސް އިއުލާންކުރަން ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް އަވަސް މުސްތަގުބަލެއްގައި މި ޒޯނުގެ ބޭނުން ހިފި، ރަށުގެ އިގުތިސާދީ ދުވެލި ހަލުވި ކޮށްލާނެކަމުގެ އުންމީދުގައި ގިނަ ރައްޔިތުން އެބަ ތިއްބެވެ.

"ރާއްޖޭގެ އިގްތިސާދުގައި މިއޮތީ މަސްވެރިކަމާއި ފަތުރުވެރިކަން. މީދޫގައި މަސްވެރިކަމެއް ނެތް. އެހެންކަމުން ފަތުރުވެރިކަމަކީ މީދޫގެ އިގްތިސާދަށް އޭގެއިން މަންފާކުރާނެ ކަމެއް" މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވި އެވެ.

ޓުއަރިޒަމް ޒޯނު ތަރައްގީކުރުމަށްފަހު އެ ދާއިރާއިން މީހުން ތަމްރީނުކުރަން ވިސްނުން ކައުންސިލުގައި އެބަ ހުއްޓެވެ. ސަބަބަކީ، މިކަމަކީ ރަށުގެ ޒުވާނުންނާއި އެހެނިހެން ފަރާތްތަކަށް ސީދާ އަދި ނުސީދާކޮށް އޭގެއިން ފާއިދާކުރާނެ ކަމަކަށް ވުމެވެ. ޚާއްސަކޮށް އަމިއްލަ ވަޒަނުގައި ވަޒީފާތައް ލިބުމަކީ އަދުގެ ޒުވާނުންނަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީދޫގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މި ޕްރޮޖެކްޓަކީ އަވަށުގެ ކުރިއެރުމަށްޓަކައި ހިންގޭ އެންމެ މުހިންމު އެއް މަޝްރޫޢެވެ. އެ އަވަށުގެ ރައްޔިތުންގެ އުންމީދަކީ، މި ޒޯނުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ފާއިސާވަދެ، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ދިއުމެވެ. އަދި ރަށުގައި ތިބެގެން ރަނގަޅު ވަޒީފާތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދިއުމެވެ.