Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އެތެރޭގެ އުދުހުންތަކަށް މޯލްޑިވިއަން އިން ޖާގަ ހޯދުން ބޮޑު އުނދަގުލަކަށް!

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މައިގަނޑު ގޮތެެއްގައި ހަރަކާތްތެރިވަނީ ޤައުމީ އެއާލައިން މޯލްޑިވިއަންއެވެ. މިއީ ގިނަ ދިވެހިން އެއާލައިނަކަށް ބަރޯސާވާ އެއާލައިނެވެ. ނަމަވެސް ކޮންމެ އަހަރެއްގެ ވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ސުކޫލް ބަންދު ދުވަސްވަރު ދިމާވާއިރު އަބަދުމެއް އެއް ޝަކުވާއެއް އަޑު އަހަން ޖެހެއެވެ. އެއީ ފްލައިޓުން ޖާގަ ނުލިބުމުގެ ޝަކުވާއެވެ. މި ޝަކުވާ ކުރާ މީހުން އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.

މިމައްސަލަ ދިމާވާން މެދުވެރިވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ޤައުމީ އެއާލައިނަށް ބަލާއިރު، ފްލީޓުގައި 12 އުޅަނދު އެބައޮތެވެ. ނަމަވެސް އެއާލައިނުގެ ބައެއް އުޅަނދުތައް މެއިންޓެނެންސްއަށް ގްރައުންޑު ކުރަން ވަނީ ޖެހިފައެވެ. މިއާއިއެކު، ކުންފުނިން ބޮޑު ޙަރަދެކޮށްފައި އަމިއްލަ ދެ އެއާލައިން ކަމަށްވާ ވިލާ އެއަރއާއި މަންޓާ އެއަރގެ ފްލައިޓުތައް ޗާޓަރު ކުރަން މަޖުބޫރުވިއެވެ.

ކަން މިހާ ހިސާބައް ދިޔައިރު، ފަތުރުވެރިކަމުގެ ޕީކް ސީޒަން މިއޮތީ ބޯމަތިކޮށްފައެވެ، ސްކޫލް ބަންދުވާން މިވަނީ ހަފްތާއަކަށް ވެފައެވެ. ގިނަ ރިސޯޓުތައް ތަކަށް ފަތުރުވެރިން އުފުލުމަށް މޯލްޑިވިއަން އާއި އެކު ވަނީ ބޮޑެތި އެއްބަސްވުންތައް ހެދިފައެވެ. އެރިސޯޓުތަކަށް ކޮންމެ ފްލައިޓަކުންވެސް ވަނީ ސީޓުތައް ބުކްކުރެވިފައެވެ. އެހެންވެ ގިނަ ފްލައިޓުތައް މިހާރު ފުލްކޮށް ބުކިން ހެދިފައިވަނީ ފަތުރުވެރިންނަށެވެ. ދިވެހިންނަށް ޖާގައެއް ލިބޭނީ ރިސޯޓަކުން ޖާގައެެއް ދޫކޮށްލުމުންނެވެ. އަދި ދުރާލާ ޓިކެޓު ނަގަން ކިތަންމެ ބޭނުންވިޔަސް މޯލްޑިވިއަންގެ އުސޫލު ހެދިފައިވާ ގޮތުން ޓިކެޓު ނެގޭނެ ގޮތެއް ނެތެވެ.

ބައެއް ބޯޓުތައް ގްރައުންޑުވެފައި

ވައިގެ ދަތުރުފަތުރުގެ ޕީކް ސީޒަން ފެށިފައިވާ އިރު މޯލްޑިވިއަންގެ ގިނަ ބޯޓުތައް ހުރީ ގްރައުންޑުވެފައެވެ. އަދި މިކަން ހައްލުކޮށް ހިދްމަތް ދިނުމަށް މޯލްޑިވިއަންއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރުވެސް ހަ ބޯޓެއް ވަނީ ގްރައުންޑުވެފައެވެ. އެހެންވެ މޯލްޑިވަންގެ ޕެސިންޖަރުން އުފުލަނީ މަންތާ އަދި ފްލައިމީގެ ބޯޓުތައް ޗާޓަރުކޮށްގެންނެވެ.

މިހާރުވެސް 120 މިލިއަނަށް ވުރެ ބޮޑަށް ދަރަނިވެރިވެފައިވާ އެއާލައިނަކަށް މިއީ އިތުރު ބޮޑު ގެއްލުމެކެވެ. މޯލްޑިވިއަން އިން ބުނާ ގޮތުގައި މިއީ ރޫޓީން މެއިންޓެނެންސެކެވެ. ނަމަވެސް މިފަދަ ކަންކަން އެންމެ ޕީކް ވާ ދުވަސްވަރު އައުމަކީ މިކަންކަން އިންތިޒާމުވެފައިވާ ގޮތާއި މެދު ސުވާލު އުފެދޭ ކަންކަމެވެ. މީގެ އިތުރުން މިފަދަ މެއިންޓެނެސްތަކަކީ ކުރީބައިގައި ޝެޑިއުލް ކުރެވިގެން އިންތިޒާމު ކުރެވެން ޖެހޭ ކަންކަމެވެ.

ދެން އޮތީ ޕީކް ސީޒަނުގައި ޖާގަ ނުލިބޭ ވާހަކައެވެ. ޕީކް ސީޒަން އަންނާނެ ކަން ކުރީބައިގަ އެނގެއެވެ. ކޯވިޑް-19 އަށް ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރު ބަނދު ކުރި ފަހުން އަލުން ހުޅުވުމާއި އެކު ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރިއެވެ. އެގޮތުން ހަމަ އެކަނި އެއަހަރުވެސް ސަރުކާރުގެ 500،000 ފަތުރުވެރިންގެ އަމާޒު ހާސިލު ކުރިއެވެ. އަދި މިއަހަރު 1 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ސަރުކާރުން އިއުލާން ކުރިއެވެ.

ތިމަރަފުށީ އެއާޕޯޓަށް މިރޭ ޖެއްސި މޯލްޑިވިއަންގެ ފްލައިޓު – ފޮޓޯ: މޯލްޑިވިއަން

މިހެން މިކަން އޮތްއިރު، ސަރުކާރުގެ އެއްމިލިއަން ފަތުރުވެރިންގެ ގެނައުމުގެ އަމާޒު އޮކްޓޯބަރު މަހު ފަހުކޮޅު ހާސިލުވިކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޭރުވެސް ދައިރާގެ ގިނަ ތަޖުރިބާކާރުން ދިޔައީ، އަހަރު ނިންމާލާއިރު ފަތުރުވެރިން އަންނަ މިންވަރު ބޮޑުތަނުން އިތުރުވާނެ ކަމަށް ބުނަމުންނެވެ. މިހާރު މިއޮތީ އެތަން ވެސް އައިސްފައެވެ. ގިނަ ރިސޯޓުތައް ފުރެނީއެވެ. އަހަރު ނިންމާލުމާއި ދިމާލަށް ފަތުރުވެރިން އިތުރުރަށް ވެސް އަންނަނީއެވެ. މިހެން ވުމުން އެތެރޭގެ އުދުހުންތަކަށް ދިވެހީންނަށް ޖާގަ ލިބުން މިވަނީ ދަތިވެފައެވެ.

އައްޑޫއިން ގަމަށް ދަތުރު ކުރަން ބަލާއިރު، މޯލްޑިވިއަން އެޕްލިކޭޝަނުން އެއްވެސް ޖާގައެއް ހުރިކަމަށް ނުދައްކައެވެ. އޭޖެންޓެއް ގާތައް ދިޔައީމަ މިބުނަނީ ކައިރި އެއްވެސް ތާރީހެއްގައި ޖާގައެއް ނެތްވާހަކައެވެ. މިއީ ރާއްޖޭގެ ކޮންމެ ހިސާބަކުން ދަތުރުކުރަން ބެލި ކަމުގައިވިނަމަވެސް ހާލަތެވެ.

މޯލްޑިވިއަން އިން މިމަސައްލަތައް ހައްލު ކުރުމަށް އިތުރު ދެ ބޯޓު ގެންނަން މަސައްކަތް ކުރާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވަނީ ބައެއް މީޑިއާތަކުގައި ވިދާޅުވެފައެވެ. ކުންފުނިން މިގޮތަށް ބުނި ނަމަވެސް މޯލްޑިވިއަންގެ ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަންގެ މާލީ ހާލަތު ވަރަށް ބޮޑަށް މިވަނީ ދައްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 25 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު ދެވަނަ ކުއާޓަރ ގައި 99.5 މިލިއަން ރުފިޔާގެ ގެއްލުމާއި ކުންފުނި ކުރިމަތިލާން ޖެހުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ކުންފުނީގެ މާލީ ހާލަތު މިހާ ދަށަށް ގޮސްފައިވާއިރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު ޖެނިފާއަށް ވަނީ އެންމެ ޤާބިލު އަންހެން ޑީއެމްޑީގެ އެވޯޑު ދާދިފަހުން ހާސިލުކޮށްފައެވެ.