Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ރާއްޖޭގެ އެހެން ރިސޯޓުތައް ފުލް، އައްޑޫގެ ރިސޯޓްތައް ބަންދު!

"ޕީކް ސީޒަން" ފެށުނީ އެވެ. ކްރިސްމަސް އަދި އައު އަހަރުގެ ޗުއްޓީއަށް ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރިސޯޓުތައް ފުލްވެއްޖެ އެވެ. ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު 4000 އަށްވުރެ މައްޗަށް އަރައިފި އެވެ. ބައެއް ދުވަސްތަކުގައި 6000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެބަ ޒިޔާރަތްކުރެ އެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްގެން ލިބުނު ގެއްލުން ފޫބެއްދޭ ހިސާބަށް ރާއްޖޭގެ ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ އިގްތިސާދު ކުރިއަރަން ފަށައިފި އެވެ.

މިއަދު ރާއްޖޭގެ އޮންލައިން ނޫހެއްގެ ފަލަ ސުރުޚީން ދެކުނީމެވެ. "ރާއްޖޭގެ ރިސޯޓްތައް ފުލް" ވާހަކަ އެވެ. އަންނަ ޖެނުއަރީ މަހުގެ ހަތެއްހާ ހިސާބަށް މިހާރު ރިސޯޓްތައް ބުކްކޮށްފައިވާ ވާހަކަ އެވެ. ހިތަށް އެރިއެވެ. އައްޑޫވެސް "ދިވެހިރާއްޖޭގެ" ތެރޭގައި ހިމެނޭ ހެއްޔެވެ؟ ހަމަގައިމުވެސް އައްޑޫ "ސިޓީ" ގައި ތިޔަ ބުނާ ފަތުރުވެރިން ފެންނާކަށް ނެތެވެ. ގޫގްލް މެޕްސް ބަލައިލުމުން އައްޑޫ ސިޓީގައި 3 ރިސޯޓް އެބައޮތް ކަމަށް އޭގެއިން އެބަ ދައްކައެވެ. ޝަންގްރިއްލާ ރިސޯޓާއި، ކެނެރީފް ރިސޯޓާއި ސައުތު ޕާމް ރިސޯޓެވެ. މި ރިސޯޓްތަކުގެ ތެރެއިން މިވަގުތު ހުޅުވާފައި އޮތް ހަމައެކަނި ރިސޯޓަކީ ސައުތު ޕާމް ރިސޯޓެވެ. ދެން އޮތް 2 ރިސޯޓުވީ ބަންދުކޮށްފަައެވެ. ކޮވިޑް-19 ގެ ސަބަބުންނެވެ.

އައްޑޫ ވިލިނގިލީގައި ހިންގި ޝަންގްރިއްލާ ރިސޯޓް

ކޮންމެ ދުވަހަކުވެސް ހެޑްލައިންތަކުން ފެންނަނީ އައްޑޫގެ ޓުއަރިޒަމާއި ގުޅޭ ކޮންމެވެސް ވާހަކައެކެވެ. "ހަންކެޑެ" ރިއަލް އެސްޓޭޓް ޓުއަރިޒަމަށް ފައްކާކުރަން އުޅޭ ވާހަކަ އެވެ. އައްޑޫގައި 8000 ޓުއަރިސްޓު ބެޑު ތަރައްގީކުރާނެ ވާހަކަ އެވެ. ހޯމް ސްޓޭ ޓުއަރިޒަމެއްގެ ވާހަކަ އެވެ. އައްޑޫގެ ކޮންމެ އަވަށެއްގައި ޓުއަރިޒަމް ޒޯނެއް ތައްޔާރުކުރާ ވާހަކަ އެވެ.

އާދޭހެވެ. ޓުއަރިޒަމް ޒޯނު އެބަ ތައްޔާރު ކުރެއެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަންގެ ފްލައިޓެއް މިހާރު އެބަ ޖައްސަ އެވެ. ނަމަވެސް މިއީ ދެމެހެއްޓެނެވި ގޮތަކަށް ކުރެވޭ ކަމެއްތޯ އެބަ ސުވާލު އުފެދެއެވެ. އެއްބަޔަކަށް އެއީ ސިޔާސީ "ދަޅަ ދެއްކުން" ދެއްކުމެކެވެ. ހޮޅީންނަށް ދިގުރަށް ދެއްކިހެން އައްޑޫގެ ރައްޔިތުންނަށް ވައުދުނާމާތައް އެބަ ދައްކައެވެ. އަނެއް ބަޔަކަށް އެއީ ސަރުކާރުން އައްޑޫގެ ރައްޔިތުންނަށްވީ ވައުދު ފުއްދުމުގެ ފެށުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދިވެހި ވެރިކަމާ ހަވާލުވީ އައްޑޫގެ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެފައެވެ. ރައީސް ސޯލިހުގެ ބައެއް ވައުދުތައް ހަގީގަތަކަށް ވުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. ނަމަވެސް ރައީސް ވައުދުވެވަޑައިގެންނެވި 8000 އެނދު އަދިވެސް ނުފެނެއެވެ. 8000 ވަޒީފާއެއް ނުފެނެއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވި، ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު ފަސް ފްލައިޓު ފަސް އަހަރު ދުވަހުގެ ތެރޭ ޖައްސާނެކަމަށް ވީ ވައުދު ފުއްދުމުގެ ކޮޅުމަތި އަދި ނުފެނެއެވެ. ރައްޔިތުން އަބަދު އެ އެހަނދާންކޮށް ކޮންމެ ދުވަހަކު އެވާހަކަ އެބަ ދައްކައެވެ.

ދުވާލަކު 5 ފްލައިޓް ނުޖެއްސި އޮތްވާ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ޓްވީޓް ކުރެއްވީ، އައްޑޫގެ ޓުއަރިޒަމަށް ސަރުކާރުން އެއްބާރުލުން ނުދެއްވާ ވާހަކަ އެވެ. ޗާޓަރު ތިން ފްލައިޓް އެތެރޭގެ އުދުހުންތަކަށް ފަސޭހަ ގަޑިއެއް ދިނުމަށް އެދުމުން އެކަން ސަރުކާރަށް ކޮށްނުދެވުނު ވާހަކަ އެވެ. މިއީ ހަގީގަތުގައިވެސް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވި ވައުދުތަކާ ޚިލާފުކަމެއްކަން އައްޑޫގެ ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

އައްޑޫ ހެރެތެރޭގައި ހިންގި ކެނެރީފް ރިސޯޓް

ޝަންގްރިއްލާ އަދި ކެނެރީފަކީ އައްޑޫގެ އެތައް ސަތޭކަ ރައްޔިތުނަށް އާމްދަނީ ލިބެމުން އައި 2 ރިސޯޓެކެވެ. ސީދާ ގޮތުންނާއި ނުސީދާކޮށް އެތައްް ބަޔަކަށް މަންފާ ކުރިއެވެ. އެ ރިސޯޓުތަކުގައި ވަޒީފާ އަދާކޮށްގެން އައްޑޫ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީ ލިބުނެވެ. އެ ރިސޯޓުތަކަށް ދަނޑުގޮވާން ވިއްކައިގެން ދަނޑުވެރިންނަށް ފުދޭވަރެއްގެ އާމްދަނީ ލިބުނެވެ. އެ ރިސޯޓުތަކަށް ހެދިކާ ވިއްކައިގެން އަންހެންވެރިންގެ ޖީބުތައް ފުރާލި އެވެ. ނަމަވެސް މިއަދު ފެންނަން އޮތީ އެ މަންޒަރެއް ނޫނެވެ. މިއަދު ފެންނަނީ އާމްދަނީ ހޯދަން އައްޑޫ ރައްޔިތުން ގަނަތަޅޭ މަންޒަރެވެ.

ދަތި ހާލުގައި އެގޮތް މިގޮތަށް އުޅޭ މަންޒަރެވެ. މަހަކު 10000 އަށްވުރެ ބޮޑު މުސާރައެއް ލިބެމުން އައި މީހުން، އެކިއެކި ކުދިކުދި މަސައްކަތް ކޮށްގެން ކިރިޔާ ފުއްދާލައިގެން އުޅޭ މަންޒަރެވެ. މިއީ އައްޑުއަށް ލޯބިކުރާ އައްޑޫގެ ދަރިން ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. އާއިލާއާ ދުރުގައި މާލެއަތޮޅުގެ ރިސޯޓްތަކުގައި ވަޒީފާ އަދާކުރަން ތިބުމަކީ ހަމަ ޔަގީނުންވެސް ފަސޭހަކަމެއް ނޫނެވެ. އެއްކަލަ އެބުނާ "ނައިޓަށް ގެޔަށް" ވައުދުވެސް ނުފުއްދުނީ އެވެ.

ރައީސް ސާލިހުގެ ސަރުކާރަށް އަދިވެސް ދުވަސް އެބަ އޮތެވެ. އައްޑޫ ރައްޔިތުން އަދިވެސް އުންމީދެއް ކަނޑާނުލައެވެ. މަސައްކަތް ކުރާނީ އަމިއްލަ ހައްގު ހޯދުމަށެވެ. އާމްދަނީ ހޯދޭނެ ފަސޭހަ ގޮތެއް ހޯދުމަށެވެ. ރައްޔިތުމީހާއަށް ދޮގު އުންމީދުތައް ދައްކާތާ އެތައް ދުވަހެކެވެ. ހަންކެޑެ އޭ ކިޔަކިޔާ ހަން ކެނޑިއްޖެ އެވެ. މުހުލަތަކަށްފަހު މުހުލަތެއް ދީ ދީ ކެތްތެރިކަން ކޮޅުންލައިފި އެވެ. ބޯރާ ވިޔަފާރިވެރިންގެ ދުވަސްވަރު "ކަލް ދޯ ބަޖޭ އާއޯ" ކިޔާ ގޮތަށް "އަންނަ މަހު" ކިޔާ އަޑު ނޫން އެހެން އަޑެއް އަހަން އައްޑޫ ރައްޔިތުން ބޭނުންވެއެވެ. ހެޔޮ ވެރިކަމެއްގެ ފަހު 2 އަހަރު އައްޑޫ ރައްޔިތުންނަށް ހެޔޮ ގޮތެއް ވުމަކީ ދުޢާއެކެވެ.