Last Updated: April 26, 23:00
Friday, April 26, 2024
ވިޔަފާރި

މާލެ އާއި އައްޑޫޫއާ ދެމެދު ދަތުރުކުރަން ސްރީލަންކަން ތައްޔާރު

ހުއްދަ ދީފިނަމަ މާލެ އާއި އައްޑޫއާ ދެމެދު ދަތުރުކުރަން ސްރީލަންކަން އެއާލައިންސް ތައްޔާރަށް އޮތް ކަމަށް ބުނެފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ ފަސިންޖަރުން އުފުލަން ހުއްދަ ދީފިނަމަ ސްރީލަންކަން އެއާލައިންސް އިން މާލެ އާއި އައްޑުއާ ދެމެދު ކުޑަ އަގެއްގައި ދަތުރުކުރަން ތައްޔާރު ކަމަށެވެ.

ފިރާގު މިހެން ވިދާޅުވިއިރު އެތެރޭގެ އުދުހުންތަކަށް މޯލްޑިވިއަން އިން ޖާގަ ހޯދުން ބޮޑު އުނދަގުލަކާއި އާއްމުން ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ވައިގެ ދަތުރުފަތުރުގެ ޕީކް ސީޒަން ފެށިފައިވާ އިރު މޯލްޑިވިއަންގެ ގިނަ ބޯޓުތައް ހުރީ ގްރައުންޑުވެފައެވެ. އެއާއެކު މޯލްޑިވިއަނުން ފަސިންޖަރުން އުފުލުމަށް މަންތާ އަދި ފްލައިމީގެ ބޯޓުތައް ވަނީ ޗާޓަރުކޮށްފަ އެވެ. މޯލްޑިވިއަން އިން މި މަސައްލަތައް ހައްލު ކުރުމަށް އިތުރު ދެ ބޯޓު ގެންނަން މަސައްކަތް ކުރާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވަނީ ބައެއް މީޑިއާތަކުގައި ވިދާޅުވެފައެވެ.

ކޮވިޑާއި ގުޅިގެން ސްރީލަންކަން އިން އައްޑޫ އަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލުމަށް ފަހު މި މަހުގެ ހަތަރުވަނަ ދުވަހު އަލުން ވަނީ ދަތުރުތައް ފަށާފައެވެ. އެގޮތުން ގަމާއި ކޮލަމްބޯ އާއި ދެމެދު ހަފްތާއަކު އެއް ފްލައިޓް ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. ސްރީލަންކަންގެ އަމާޒަކީ ދުވާލަކު ފްލައިޓެއް ގަމާއި ކޮލަމްބޯއާ ދެމެދު ބޭއްވުމެވެ.