Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ކަރަންޓު ގޭޓަކާއި 'ސައިކަލު' ޕެން ޑްރައިވެއް އީޖާދުކުރި ދިވެއްސެއް!

އިބްރާހިމް، އޭނަ އީޖާދުކުރި ޕެން ޑްރައިވް ހިފައިގެން ގޭގެ ގޭޓު ކައިރި ހުއްޓިލައިގެން

އައްޑޫ ސިޓީ މީދޫ، ދިރުހަމް، އިމްރާހިމް ނިޒާމަކީ އަވަށުގެ މީހުންގެ ތެރޭގައި ނަން މަޝްހޫރު ޝަޚުސެކެވެ. ކަރަންޓު މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވާ އިބްރާހީމަކީ، މެކޭނިކަލް އަދި އޮޓޮމެޓިކް އެއްޗެހި އީޖާދުކުރަން ޒަމާނުއްސުރެ ލޯބިކުރާ މީހެކެވެ. އަމިއްލަ ދިރިއުޅުން ފަސޭހަ ކުރުމަށެވެ. އަދި ލިބިފައިވާ ހުނަރާއި ޤާބިލިއްޔަތުކަމުގެ ބޭނުން ހިފުމަށެވެ. އިބްރާހިމްގެ ގެއަށް ވަދެލުމުން މިއަދު ފެނިގެން ދިޔައީ އާޝޯހު ކުރުވަނިވި މަންޒަރު ތަކެކެވެ.

އެންމެ ފުރަތަމަވެސް އެގެއިން ފެނުނީ ކަރަންޓު ގޭޓެކެވެ. މި ގޭޓަކީ އިބްރާހިމް އަމިއްލައަށް ހެދި ގޭޓެކެވެ. އެ ގޭޓު އުފެއްދުމަށް ބޭނުންވާ ހުރިހާ ސާމާނެއް އަމިއްލައަށް ހޯދައި، އަމިއްލަ މަސައްކަތުން ތައްޔާރުކުރި "އިލެކްޓްރޯނިކް އޮޓޮމެޓިކް" ގޭޓެކެވެ. ދިވެހިންވެސް މިފަހުން ކަރަންޓު ގޭޓު ބޭނުންކުރަން ފެށީ ޒަމާނާ އެއްގޮތް ވުމަށެވެ. އިބްރާހިމްވެސް ބޭނުންވީ އެފަދަ ގޮތެކެވެ. ނަމަވެސް ބޭރުން ނުވަތަ މާލެއިން އޯޑަރުކޮށްގެން ބޮޑު އަގުގައި ގެނެސް ގޭޓު ހަރުކުރުމުގެ ބަދަލުގައި އިބްރާހިިމް ބޭނުންވީ އަމިއްލައަށް އެ ގޭޓޫ އުފެއްދުމަށެވެ.

އިބްރާހިމް އަމިއްލައަށް އުފެއްދި ކަރަންޓު ގޭޓެއް

އިބްރާހިމް އުފެއްދި ގޭޓު ބޭނުންކުރެވޭ 2 ގޮތެއް ހުރެއެވެ. އެއް ގޮތަކީ ގޭތެރޭގައި ހުންނަ ބޯޑަކުންނެވެ. އަނެއް ގޮތަކީ ރިމޯޓަކުންނެވެ. އެ ބޯޑުން ގޭޓުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވެއެވެ. ގޭޓު ހުޅުވުމާއި، ގޭޓު ލެއްޕުމާއި، ވަކި ވަރަކަށް ގޭޓު ހުޅުވާފައި ބެހެއްޓުން ފަދަ ކަންކަން ކުރެވެއެވެ. މީގެއިތުރުން، އޭގައި ހުރި ސްވިޗެއް ބޭނުންކޮށްގެން ރިމޯޓުން ގޭޓު ކޮންޓްރޯލް ކުރެވޭ ގޮތަކަށް އެ ބަދަލުކޮށްލެވެއެވެ. އިބްރާހިމް ބުނި ގޮތުގައި، ގޭޓު ބޭނުންކުރެވޭނީ ފަހަރަކު އެއްޗަކުންނެވެ. ރިމޯޓުން ބޭނުންކުރާނަމަ، ގޭތެރޭގައި ހުރި ބޯޑަކުން ބޭނުން ނުކުރެވޭނެއެވެ. އަދި ގޭތެރޭގައި ހުރި ބޯޑުން ބޭނުންކުރާނަމަ، ރިމޯޓަކުން ބޭނުމެއް ނުކުރެވޭނެއެވެ.

އިބްރާހިމް އުފެއްދި ކަރަންޓު ގޭޓުގެ މެއިން ބޯޑު

ގޭޓު ކޮންޓްރޯލްކުރާ ބޯޑުގައި ހަރުކޮށްފައު ހުރި ލޭބަލްތަކުގައި ލިޔެފައި ހުރީ އައްޑޫ ބަހުންނެވެ. ކަންކަން އިންޖިނިއަރު ކުރުމުގައި އުހަށް ދިޔަޔަސް، އިބްރާހިމް އޭނަގެ ބަހުގެ ހައްގުގައިވެސް އުޅޭކަން މިކަމުން ދޭހަވެއެވެ. އެ ބޯޑު އެންމެ ވައްތަރީ ލިފްޓެއްގައި ހުންނަ ބަޓަންތަކާއެވެ. ނަމަވެސް މީގެ ތަފާތަކީ، މި ހުރިހާ "ކޮމްޕޮނެންޓް"ތައް އެކައްޗަކަށް ހަދައި، އަމިއްލައަށް މިފަދަ އީޖާދެއް ކުރުމުގެ ހިތްވަރު އިބްރާހިމްގެ ކިބައިގައި ހުރުމެވެ.

މި ގޭޓު ތައްޔާރުކުރުމަށް އިބްރާހިމް ވަނީ އަމިއްލައަށް ބޮޑު ޚަރަދެއް ކޮށްފައެވެ. ގާތްގަނޑަކަށް 7000 ރުފިޔާ އާ ގާތްކުރާ މިންވަރަކަށް އިބްރާހިމް ވަނީ އެ ގޭޓުގެ ބައިތައް ހަމަކުރަން ހޭދަކޮށްފައެވެ. އިބްރާހިމް ބުނި ގޮތުގައި، ގޭޓު އުފެއްދުމަށް ބޭނުންވާ ބައިތައް ލިބުން ލަސްވުމުގެ ސަބަބުން ގޭޓު ނިންމަން ކުޑަ ދުވަސްކޮޅެއް ނެގިއެވެ.

މި ގޭޓު ތައްޔާރުކުރެވުނީ ގާތްގަނޑަކަށް 7000 ރުފިޔާއަށް. ބައެއް ކޮމްޕޮނެންޓްތައް މާލެއިން ގެނައުން ލަސްވުމުން ގޭޓު ނިންމަން ކުޑަ ދުވަސްކޮޅެއް ނެގި؛ އިބްރާހިމް ބުންޏެވެ.

އިބްރާހިމް އުފެއްދި ދެވަނައަށް އެންމެ ތަފާތު އީޖާދަކީ ސައިކަލު ޕެން ޑްރަައިވް އެވެ. މި ޕެން ޑްރައިވަކީ ސައިކަލު ތަޅުގަނޑި ގޮތަށް ބޭނުންކުރެވޭ އެއްޗެކެވެ. ޕެން ޑްރައިވް ސައިކަލަށް ލައްވާލުމުން ސައިކަލު ސްޓާޓް ކުރެވޭނެއެވެ. ސައިކަލު ނިއްވާލަން ބޭނުންނަމަ، ސައިކަލު ހަރު ޖައްސާލުމުން ނިވޭނެއެވެ. އިބްރާހިމް ބުނާ ގޮތުގައި ޕެން ޑްރައިވް ނައްޓާލިޔަސް ސައިކަލު ނުނިއްވޭނެއެވެ. އެހެންކަމުން ދުއްވުމުގެ ތެރޭގައި އެ ޕެން ޑްރައިވް ވެއްޓި، ގެއްލުމުގެ ފުރުސަތު ކުޑަވާނެއެވެ.

އިބްރާހިމް އީޖާދުކުރި "ސައިކަލް ޕެން ޑްރައިވް"

މި ޕެން ޑްރައިވް އަސްލު އުފެއްދީ، ސައިކަލުގެ ތަޅު ހަލާކުވެފައި ހުރުމުން ކޮންމެ މީހަކަށްވެސް އެ ބޭނުންކުރެވޭތީ. ބައު ސައިކަލެއްގައި އައު ތަޅެއް ލެއްވުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނުނު؛ އިބްރާހިމް ކިޔައިދިނެވެ.

މީގެއިތުރުން އިބްރާހިމް ބުނީ، އައު ތަޅެއް ގަންނަން އެތައް ހާސް ރުފިޔާއެއް ހޭދަވާއިރު، އޭނަ އެ ޕެން ޑްރައިވް އީޖާދުކުރީ މަދު ރުފިޔާ ކޮޅަކަށް ކަމަށެވެ.

އިބްރާހިމް އުފެއްދި ސައިކަލް ޕެން ޑްރައިވް ބޭނުންކުރަނީ

މި ޕެން ޑްރައިވް އުފެއްދުމަށް ހޭދަވީ 600 ވަރަކަށް ރުފިޔާ؛ އިބްރާހިމް ބުންޏެވެ.

އިބްރާހީމަކީ ހަމައެކަނި ކަރަންޓާ ގުޅުންހުރި ކަންކަން ކުރާ މީހެއް ނޫނެވެ. އޭނައަކީ، އަމިއްލައަށް ޑިޒައިން ކުރާ މީހަކެވެ. އޭނަގެ ގެއަށް ބަލައިލުމުން ފެންނާނީ އޭނަގެ އަމިއްލަ މަސައްކަތެވެ. ވަށާފާރުގެ ޑިޒައިނާއި، ގޭގެ ސީލީނުގެ ޑިޒައިންވެސް ކުރީ އޭނަ އަމިއްލައަށެވެ. ގޭތެރޭގެ މިފަދަ މަސައްކަތްތައް ކުރުމަކީ އިބްރާހިމް ނުހަނު ކުރަން ހިތްވާ ކަމެކެވެ.

އިބްރާހިމް އަމިއްލައަށް ޑިޒައިންކުރި އޭނަގެ ގޭގެ ފާރު

އިބްރާހީމުގެ މި މަސައްކަތްތަކަށް މާކެޓެއް ލިބިއްޖެނަމަ، އޭނަގެ ވިސްނުން ހުރީ މިކަން ފުޅާކުރުމަށެވެ. އެގޮތުން މިހާރުވެސް ހަމަ އެފަދަ އިތުރު ގޭޓެއް ތައްޔާރުކުރުމަށް އޭނައަށް ވަނީ އޯޑަރެއް ލިބިފައެވެ. އިބްރާހިމް ދެކޭ ގޮތުގައި މާކެޓެއް އޮވެގެން، ޑިމާންޑް އިތުރުވެއްޖެނަމަ، އޭނައަށް އެތައް ގޮތަކުން ފާއިދާ ކުރާނެއެވެ.

އިބްރާހިމް އަމިއްލައަށް ޑިޒައިންކުރި ސީލީނެއް

މިތަނުގައި އަދި މާކެޓެއް ނެތް. ނަމަވެސް ލިބިއްޖެނަމަ، އަޅުގަނޑަށް މިކަން ވަރަށް ރަނގަޅަށް ކުރެވޭނެ؛ އިބްރާހިމް ބުންޏެވެ.

އައްޑުއަށް އުފަން މިފަދަ ހުނަރުވެރި މީހުންނަކީ ގައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވެން ޖެހޭ ބައެކެވެ. އަމިއްލައަށް މިފަދަ އީޖާދުތައް ކޮށްލުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އިބްރާހީމަކީ، ވަކި މަތީ ކޮލިފިކޭޝަނެއް އޮވެގެން މި މަސައްކަތް ކުރަން ފެށި މީހެއް ނޫނެވެ. ނަމަވެސް އަމިއްލައަށް ކަންކަން ދަސްކޮށް، ތިމާގެ ހުނަރު އެހެން މީހުންނަށްވެސް އެނގޭނެހެން އޭނަގެ މަސައްކަތް މިހާރު ދަނީ ބައްޓަންކުރަމުންނެވެ. މިފަދަ މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް އޭނަގެ ނަސޭހަތަކީ، ހިތްވަރާއެކު އުނގެނިގަތުމެވެ.

(އިބްރާހިމް އާ ގުޅޭނެ ނަންބަރު: 7553324)