Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ރައީސް ނަޝީދު ބައިވެރިވާ އެމްޑީޕީ މާލެސިޓީ ބައްދަލުވުން މިއަދު ހަވީރު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ސަން އޮންލައިން/މުހައްމަދު މުޒައިން ނާޒިމް

އެމްޑީޕީގެ މާލެސިޓީ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި ސަލްޓަން ޕާކްގައެވެ.

އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާލެސިޓީގެ ބައްދަލުވުމެއް އެމްޑީޕީން ބެއްވުމަށް ނިންމާފައިވާއިރު، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވަނީ މާލެސިޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގައި މާލެސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވާއިރު، މާލޭ މޭޔަރަކަށް މިހާރު ހުންނެވީ ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

މާލެސިޓީ ކައުންސިލް މިހާރު ފާހަގަވެފައިވަނީ ސަރުކާރު ކުންފުނިތަކުގެ ދަށުގައި ހުރިތަންތަން ސިޓި ކައުންސިލަށް ނަގާ، ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ތަކެއްގެ ގޮތުގައެވެ. އެގޮތުން އެޗްޑިސީއަށް ހަދާދިފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކުރިއިރު، ޓީޖެޓީ އަދި ނޯތް ހާބަރާ ހަވާލުވާން މަސައްކަތްކޮށް އެތަންތަން އެމްޕީއެލުން ހަވާލު ނުކުރުމުން އެ މައްސަލަ ކޯޓަށް ގެންދާނެކަމަށް ބުނެފައިވެއެވެ. އަދި އުސްފަސްގަނޑުގެ މައްސަލައިގައި ސްޓެލްކޯ އަދި ފުލުހުން ޖަވާބުދާރީ ކުރުވާނެކަމަށްވެސް މާލެސިޓީ މޭޔަރު ވިދާޅުވެފައިވެއެވެ.