Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އޭސީސީ މެމްބަރުން ވަކިކުރުމުގެ މައްސަލައިގެ ކޮމިޓީ ބައްދަލުވުން މިއަދު ހަވީރު

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ - ފޮޓޯ: މިހާރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލައިގެ ކޮމިޓީ ބައްދަލުވުމެއް މިއަދު ހަވީރަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން އެޖެންޑާ ކޮށްފައިވަނީ މިއަދު ހަވީރު 04:30 އަށެވެ. އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ވަނީ މައްސަލައިގައި އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީގެ މެމްބަރުން ވަނީ ކޮމިޓީން އެންގިގޮތަށް ލިޔުމަށް ޖަވާބުދާރީ ވެފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ، ކޮމިޝަނާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހުއެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނުވެސް ކޮށްފައިވެއެވެ.

އޭސީސީގެ ދެ މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމުންނެވެ. މިވަގުތު އޭސީސީގެ މެމްބަރުންގެ ގޮތުގައި ތިބީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ.