Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އުމަރު ޒާހިރުގެ ހަޔާތްޕުޅާ ގުޅޭ ގޮތުން ރައީސްގެ ތައުރީފުގެ ދިގު ބަސްތައް، ބޭނުންފުޅުވަނީ އުމަރު ޒާހިރަށް ނިސްބަތްކޮށް ބިނާއެއް ހުންނަން

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދެއްކެވިއިރު އެންމެ ހާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅެވެ.

އުމަރު ޒާހިރު – ފޮޓޯ: ރައީސް އޮފީސް

ހާސަރުގަނޑަކަށް ނުވާ ގޮތައް ފޫހިކަމެއް ނެތް އެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތަފްސީލް ގޮތެއްގައި އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އުމަރު ޒާހިރުގެ އާ ގުޅޭ ގޮތުން ރައީސް ފުރަތަމަވެސް ވިދާޅުވީ އެއީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބު ކަމަށެވެ.

" ޤައުމީ ޚިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިޚްލާޞްތެރިކަމަކީ، އެ މަނިކުފާނުގެ ޠަބީޢަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ޙިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ ކިތަންމެ ކުރިބޯއްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަ މަތިން ފެންނަން އެބަހުރިކަމަށެވެ، އަދި އުމަރު ޒާހިރު ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި ގެންގުޅުއްވި ޙިކްމަތްތެރި ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކިތަންމެ ތަޢުރީފެއް ކުރިޔަސް، އެ މަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތައް. ފެންނަން ހުރީ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ މަލަތައް،" ރައީސް ވިދާޅުވި އެވެ.

ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއަރޕޯޓަކީ، ޢުމަރު ޒާހިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ޤައުމީ ތަރިކައެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

އުމަރު ޒާހިރު، އިންތިޚާބީ ރައީސް އާއި ބައްދަލުކުރައްވަނީ – ފޮޓޯ: ސޯޝަލް މީޑިއާ

ހަމައެހެންމެ މާލޭގައި އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫޢު ތިލަފަޅު ހިއްކައިގެން އުފެއްދި ތިލަފުށި އުފެއްދެވި މަޝްރުއޫގެ މަސައްކަތްތަކަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

" މަރްޙޫމް ޢުމަރު ޒާހިރާމެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަޚްލާޤް ރިވެތި، އަދި އިޚްލާޞްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ހިދުމަތްތަކުގެ މައްޗަށް ކުރެއްވި ތައުރީފަށްފަހު ރައީސް ވަނީ އުމަރުގެ ޒާހިރުގެ އަހްލާގާ ގުޅޭ ގޮތުން ވެސް ވަރަށް ބޮޑަށް ތައުރީފުގެ ބަސް ރައްދުކުރައްވާފަ އެވެ. އެގޮތުން މަޖީދިއްޔާ ސްކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޢުމަރު ޒާހިރު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަޚްލާޤުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން ކަމަށް ފާހަގަ ކުރެއްވެވި އެވެ.

" ހަމައެކަނި ކިޔަވައިދީގެން މޮޅެތި ކުދިންނަށް ހެއްދެވީކީ ނޫން. ނާޒިރެއްގެ ގޮތުން އެމަނިކުފާނުގެ އެންމެ އިސް މަސައްކަތަކީ މީހުން މީހުންނަށް ހެއްދެވުން." ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތަފާތު ކުޅިވަރުތަކާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް، ޢުމަރު ޒާހިރު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާގައިވެސް، އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ކުޅުންތެރިންގެ ކިބައިގައި ކުޅިވަރުގެ އަޚްލާޤު ހަރުލެއްވުމަށް ކަމަށެވެ.

" މަރްޙޫމް ޢުމަރު ޒާހިރާމެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަޚްލާޤް ރިވެތި، އަދި އިޚްލާޞްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ" ރައީސް ފާހަގަ ކުރެއްވެވި އެވެ.

އުމަރު ޒާހިރުގެ ޤައުމީ ޚިދުމަތްތަކުގެ އިތުރުން އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީ އެބަ އޮތް ކަމަށާއި އެ ޑައިރީ ވިދާޅުވުމުގެ ނަސީބު ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސް މިރޭ ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އުމަރު ޒާހިރު އެ ޑައިރީ ލިޔުއްވަން ފަށްޓަވާފައި އޮތީ، ކިޔަވާވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވަދެވަޑައިގެންނެވި ދުވަހު އެވެ. އެއީ 1943 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ހަތް އަހަރު ފުޅުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސާޅީހަށްވުރެ ގިނަ ފޮތާއި، އެތައް ބައިވަރު ނޯޓްތަކެއް. ކަމަށެވެ. އަދި ސަރުކާރުގެ އެތައް ޒިންމާތަކެއް އަދާކުރައްވަމުން، ދުވަހުން ދުވަހަށް ޑައިރީ ލިޔުއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެެ.

" އެ ޑައިރީ ކިޔައިލުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނު. އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް. އޭގެ އިތުރުން، ޤައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި. އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ޞަފްޙާތަކުން އަޅުގަނޑަށް މުޅިންވެސް ފެނުނީ ޢިބްރަތްތަކާއި ފިލާވަޅުތައް. އެއީ ތާރީޚީ މަޢުލޫމާތުގެ ކަންޒެއް،" ރައީސް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ހަޔާތްޕުޅާ ގުޅޭ ވާހަކަފުޅަށް ފަހު ރައީސް ވިދާޅުވީ މިއަދު ދައްކަންވީ އެމަނިކުފާނުގެ ހިދުމަތުގެ ވާހަކަތައް އެކަންޏެއް ނޫން ކަމަށާއި މިއަދު ކުރަންވީ ކަމަކީ، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން ކަމަށެވެ. އެހެންވެ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި، އެ މަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުމަށް ރައީސް ސޯލިހް އިލްތިމާސްކުރެއްވެވި އެވެ.

" އެހެންކަމުން، އެ މަނިކުފާނު ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އުމަރު ޒާހިރާ ގުޅިފައިވާ ހަނދާނެއް މި ޖަލްސާގައި ހިއްސާ ކުރައްވާފަ އެވެ.

" އަޅުގަނޑުގެ އަމިއްލަ ހަނދާނުގައި، ޢުމަރު ޒާހިރާ ދޭތެރޭގައި ހުރި އެއް ދުވަހެއް އަޅުގަނޑު ހަނދާން އެބަހުރި. އެއީ މީގެ 20 އަހަރު ކުރި. ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަސް. މުޅި ދުނިޔެ ސިއްސުވާލި ނައިން އިލެވަން ކުރިމަތިވި ދުވަސް. އެ ދުވަހުގެ ހަވީރުގެ އެ ވަގުތުގައި އަޅުގަނޑަށް އިނދެވުނީ ޢުމަރު ޒާހިރުގެ އަރިހުގައި. ސީ.އެން.އެން. އިން ވަގުތުން ލައިވްކޮށް އެ ބޯޓުތައް ޓުވިން ޓަވަރަށް ވަދެ، ޕެންޓަގަންއަށް ވަންނަމުންދިޔަ މަންޒަރު ވަގުތުން ބައްލަވަމުން ގެންދަވަމުން ވިދާޅުވި އެތައް ވާހަކަތަކެއް، އަޅުގަނޑުގެ ހަނދާނުގައި މިއަދުވެސް ހަރުލާފައި އެބަހުރި. އާދެ، ޢުމަރު ޒާހިރަކީ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ ބޭފުޅެއް ނޫން" ރައީސް ވިދާޅުވި އެވެ.