Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން އަތުވެއްޖެ

މިއަހަރު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުޙަބާ ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރޮމޭނިޔާ މީހެކެވެ. އެމީހާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްއާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޠައްޔިބު މުޙައްމަދާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.

ސަރުކާރުން މި އަހަރު އަމާޒު ހިފީ އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް ކަމަށްވާއިރު އެ އަމާޒު މިދިޔަ އޮކްޓޫބަރު މަހު ވަނީ ހާސިލުވެފަ އެވެ. އެއަށް ފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރު ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން އައުމަށް އަމާޒު ހިފާފަ އެވެ.

މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި އިއްޔެ ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެގޮތުން އިއްޔެ ރާއްޖެއަށް 7,098 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އިއްޔެ އަކީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން އެއް ދުވަހެއްގައި އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރި ދުވަހެވެ.