Last Updated: April 26, 20:24
Friday, April 26, 2024
ވިޔަފާރި

ފެނާއި ނަރުދަމާގެ ވަޢުދު ފުއްދުމުގެ މައި ޙިއްސާދާރަކަށް ފެނަކަ

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ ފެނަކައާ އެވެ.

ފެނަކަ އިން ބުނީ މިއީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ޙިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ފެނަކައިގެ ތާރީޚުގައި މިހާތަނަށް ޙަވާލުވި އެންމެ ބޮޑު މަޝްރޫޢު ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫއު ފުރިހަމަގޮތުގައި އަވަސްކަމާއެކު ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. 600 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު މިމަޝްރޫޢު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީޚަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަކީ ފެނަކައިގެ އަމާޒެކެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެއް ކަމަށް ފެނަކައިން ބުނެ އެވެ.