Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ސިޓީއަށް އަށް ޕޮއިންޓުގެ ލީޑެއް

ބްރެންޓްފޯޑްގެ މައްޗަށް 1-0 އިން ކުރި ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 50 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 42 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު 41 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ލިވަޕޫލް އެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ސިޓީ އަށް މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

ރޭގެ މެޗަކީ ލީގުގައ ސިޓީން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅު ކަމަށްވާއިރު، ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ވަނީ ބޮޑު ލީޑެއް ލިބިފައިވީ ނަމަވެސް ލީގު ތަށި އަދި ލިބުނީ ކަމަށް ދެކިގެން ނުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ލީގު ތައްޓަށް ސިޓީއާއެކު ވާދަކުރަމުން އަންނަ ޗެލްސީ އާއި ލިވަޕޫލް އަކީ މޮޅު ދެ ޓީމު ކަމަށާއި ބާކީ އަދި ކުޅެން 54 ޕޮއިންޓު އެބައޮތް ކަމަށް ގާޑިޔޯލާ ބުންޏެވެ.

ލީގުގައި ރޭ ދެވަނައިގައި އޮތް ޗެލްސީ ވަނީ ބްރައިޓަން އަތުން 1-1 އިން އެއްވަރުވެފަ އެވެ. ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރޮމެލޫ ލުކާކޫ ޗެލްސީ އަށް ލީޑު ނަގާދީފައިވަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޑެނީ ވެލްބެކް ވަނީ ބްރައިޓަން އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.