Last Updated: April 26, 15:02
Friday, April 26, 2024
ވިޔަފާރި

މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވައިފި

ލޯކަލް އުފެއްދުންތެރިންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކޮމިއުނިޓީ އޮންލައިން ފިހާރައެއް އިފްތިތާހުކޮށްފި އެވެ.

މި އޮންލައިން ފިހާރަ ހުޅުއްވައިދެއްވީ މިކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ މި ފިހާރައަކީ ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް، އެ އުފެއްދުންތެރިންގެ އުފެއްދުންތައް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ފްލެޓްފޯމުގައި ގާއިމުކުރެވިފައިވާ ވާޗުއަލް ފިހާރައެއް ކަމަށެވެ.

އީޓުކުރި ޕްލެޓްފޯމުގައި މިފަދަ އޮންލައިން ފިހާރައެއް ގާއިމުކުރުމުގެ މަގުސަދަކީ ރަށްރަށުގައި ތިބި ތަފާތު އުފެއްދުންތެރިންނަށް އީޓުކުރި ޕްލެޓްފޯމުގެ ތެރެއިން އޮންލައިން ބާޒާރެއް ހޯދައިދިނުމާއި އަދި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓުކޮށް އިޝްތިހާރުކޮށްދިނުމާއި ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން އެފަދަ އުފެއްދުންތައް ރާއްޖޭގެ ކަންކޮޅުތަކަށް ޓްރާންސްޕޯޓުކޮށް ޑެލިވަރކޮށްދިނުން ކަމަށް ޕޯސްޓުން ބުނެ އެވެ.

މީގެއިތުރުން ކޮވިޑް-19 ގެ ސަބަބުން ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އުފެއްދުންތެރިން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މިފަދަ އޮންލައިން ފިހާރައެއް ހުޅުވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޕޯސްޓުން ބުނެ އެވެ.

މިއަދު ތައާރަފްކުރި ކޮމިއުނިޓީ އޮންލައިން ފިހާރައިގެ ހިދުމަތް ހުރިހާ އަތޮޅު ޕޯސްޓު އޮފީސްތަކެއްގައި މިއަދު އެއްފަހަރާ ވަނީ ފެށިގެން ގޮސްފަ އެވެ.