Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

އާސެނަލް ބަލިކޮށް ސިޓީން 11 ޕޮއިންޓުގެ ލީޑެއް

އާސެނަލްގެ މައްޗަށް 2-1 އިން ކުރި ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 53 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 42 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ތިންވަނައިގައި 41 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. އާސެނަލް އޮތީ 35 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގެ ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އާސެނަލް އިންނެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓްގައި މި ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ސަކާ އެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި އާސެނަލް އިން ސިޓީގެ ގޯލަށް ނުރައްކާ ކުރިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ސިޓީ އަށް މެޗުގެ 57 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ރިޔާދު މަހްރޭޒް އެވެ.

ސިޓީން ނަތީޖާ އެއްވަރުކުރިތާ މިނެޓެއް ނުވަނީސް އާސެނަލްގެ މާޓިނެއްލީ އަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން ރެފްރީ ވަނީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފަ އެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ސިޓީގެ ގެބްރިއަލް ޖީސެސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި އާސެނަލް އިން ފުރިހަމަ ކުރަން ޖެހުނުއިރު، މި މެޗުން ސިޓީ މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ރޮޑްރީ އެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ. އާސެނަލް ނިކުންނާނީ ޓޮޓެންހަމްއާ އެވެ.