Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ސިޓީ އަށް ތަށިދީ، އޭރުން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ ދާނަން

މެންޗެސްޓަރ ސިޓީ އަށް މިހާރުވެސް ތަށި ދީފިނަމަ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ ދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު އާސެނަލްގެ މައްޗަށް 2-1 އިން ސިޓީން ކުރި ހޯދިއިރު، އެ މޮޅާއެކު ސިޓީން މިހާރު ވަނީ ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. މިއަދު މެޗަކީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅެވެ.

ލީގު ޗެމްޕިއަންކަން މިހާރުވެސް ސިޓީ އަށް ލިބިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ގާޑިޔޯލާ ބުނީ މިހާރުވެސް ސިޓީ އަށް ތަށި ދީފިނަމަ ޗުއްޓީއަކަށް ރާއްޖެ ދާނެ ކަމަށެވެ.

"އަހަރެމެންނަށް ދީ ލީގު ތަށި. އޭރުން އަހަރެމެން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަށް ދާނަން" ގާޑިޔޯލާ ބުންޏެވެ.

ލީގުގެ އެއްވަނައިގައި ސިޓީން ބޮޑު ލީޑެއް ނެގި ނަމަވެސް ގާޑިޔޯލާ މިއަދު ވެސް ވަނީ ލީގު ތަށީގެ ރޭސް ނިމެން އަދި ގާތްވެސް ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެންޖެހޭ ދުވަސްވަރެއްގައި ޖެހިޖެހިގެން 11 މެޗުން މޮޅުވުމަކީ ރަނގަޅު ކަމެއް ކަމަށް ގާޑިޔޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގެ އެހެން ޓީމުތަކެކޭ އެއްފަދައިގެން ސިޓީގައި ވެސް ކޮވިޑް-19 ގެ ކޭސްތަކެއް އުޅެ އެވެ. އެގޮތުން ކޮވިޑްގެ ސަބަބުން މިއަދުގެ މެޗުގައި ސިޓީގެ ފިލް ފޮޑެން ކުޅެފައެއް ނުވެ އެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ޗެލްސީއާ އެވެ.