ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ޕީއެސްޖީން ބުނީ ފަރިތަކުރުންތައް އަލުން ފެށުމުގެ ގޮތުން މިއަދު ހެދި ޓެސްޓުތަކުން ހަތަރު ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މެސީގެ އިތުރުން އެޓީމުގެ ޑިފެންޑަރު ހުއާން ބާނެޓް އާއި ގޯލްކީޕަރު ސާޖިއޯ ރިކޯގެ އިތުރުން ނޭތަން ބިޓުމަޒާލާ އެވެ.
މި ހަތަރު ކުޅުންތެރިން ވެސް މިވަގުތު ތިބީ އައިސޮލޭޝަނުގައި ކަމަށް ޕީއެސްޖީން ބުނެ އެވެ.
ވިންޓަ ބްރޭކަށްފަހު ޕީއެސްޖީން މާދަމާ ރޭ ފްރެންޗް ކަޕްގެ މެޗެއް ކުޅޭނެ އެވެ. އަދި އަންނަ އާދީއްތަ ދުވަހު ފްރެންޗު ލީގުގައި ޕީއެސްޖީން ލިޔޯންއާ ދެކޮޅަށް ނިކުތުމަށް ވަނީ ހަމަޖެހިފަ އެވެ.
ފްރެންޗު ލީގުގައި 19 މެޗު ކުޅެ ނިމުނުއިރު ޕީއެސްޖީ އޮތީ 46 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އެވެ.