Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ފޯރިގަދަވި ލިވަޕޫލް-ޗެލްސީ މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި ޗެލްސީ މިހާރު އޮތީ 43 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް ތިންވަނައިގައި އޮތީ 42 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި 53 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

މިރޭގެ މެޗަށް ޗެލްސީން ނިކުތީ އެޓީމުގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫއާ ނުލަ އެވެ. ލުކާކޫ އަށް މި މެޗުން ފުރުސަތު ނުދޭން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ނިންމީ ދާދިފަހުން "ސްކައި އިޓާލިއާ" އަށް ދިން އިންޓަވިއުއެއްގައި ޓުޗެލް އަދި ޗެލްސީއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. މި މެޗުގައި ކޮވިޑް-19 ގެ ސަބަބުން ލިވަޕޫލްގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ކީޕަރު އެލިސަން އާއި ޑިފެންޑަރު މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފަމީނޯ ކުޅެފައެއް ނުވެ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 26 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ޗެލްސީ އަށް ސިހުން ގެނުވާފަ އެވެ. މި ދެ ގޯލަށްފަހު ލިވަޕޫލުން ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި މަޓެއޯ ކޮވަސިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޗެލްސީ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ދެ ޓީމަށް ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ސަލާހު އާއި މާނޭ ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު މެންޑީގެ ހުޝިޔާރުކަން ފެނިގެންދިޔައިރު ޗެލްސީގެ ޕުލިސިޗް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ކެލާ ވަނީ ދިފާއުކޮށްފަ އެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާ އެވެ. އަދި ލިވަޕޫލް ނިކުންނާނީ ބްރެންޓްފޯޑްއާ އެވެ.