Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސުދާންގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމުދޫކް ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރުގެ މަގާމުން އަބްދުﷲ އިސްތިއުފާ ދެއްވާފައިވަނީ އެގައުމުގައި ހިންގަމުން އަންނަ އަސްކަރީ ވެރިކަން ނިމުމަކަށް ގޮވާލާ ކުރަމުން އަންނަ މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅިގެންނެވެ.

ޓީވީ މެދުވެރިކޮށް އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވަމުން އަބްދުﷲ ވިދާޅުވީ، ސިޔާސީ ގަޑުބަޑުތަކާއެކު ގައުމުގެ އިގްތިސާދު ހީނަރުވެ ކާރިސާއަކަށް ވެއްޓެމުންދާކަމަށާ ހުރިހާ އެންމެން ގުޅިގެން ގައުމު ސަލާމަތްކުރަންޖެހޭ ކަމަށެވެ.

އަދި އަސްކަރީ ވެރިކަން ނިންމުމަށް ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް ކާމިޔާބު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް، ސުދާނުގެ އަސްކަރިއްޔާއިން ވަނީ އިތުރު އަސްކަރީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށް، އެކަމާ ދެކޮޅު ހެދުމުން އަބްދުﷲ ހަމުދޫކް އާއި އިތުރު ސިޔާސީ ބަޔަކު ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ މީހުން ދޫކޮށްލާފައިވެއެވެ.

ސުދާނުގައި 2019 ވަނަ އަހަރު ގެނައި އަސްކަރީ ބަގާވާތެއްގައި، އެގައުމުގެ ވެރިކަމާ އަސްކަރިއްޔާއިން ހަވާލުވިއިރު، ބަޣާވާތުގެ ވެރިއަކީ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާނެވެ. އެގައުމުގެ ރައްޔިތުން މިހާރު އަންނަނީ އަސްކަރިއްޔާގެ ބަޣާވާތާ ދެކޮޅަށް އަދި މަދަނީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.