Last Updated: May 8, 06:04
Wednesday, May 8, 2024
ވިޔަފާރި

ބީއެމްއެލްގެ އެހީގައި މާޅެންދޫގައި މަސްކަނޑާ ތަނެއް ތަރައްގީކޮށްފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި ފަސޭހަކަމާއެކު ދުވާލާއި ރޭގަނޑުވެސް މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް މަސްކަނޑާ ތަނެއް ތަރައްގީކޮށްފިއެވެ.

މި މަސްކަނޑާތަން ތަރައްގީކޮށްފައިވަނީ ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ( އެސް.އެލް.އައި.ޑީ) ފަރާތުންނެވެ.

މިތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވެއެވެ. އަދި މީގެ އިތުރުން ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް އެތަނުގައި ހުރެ އެވެ. އަދި މެސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

"މިއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން މި ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރި މުހިންމު މަސައްކަތެއް. މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި. އަދި ވާރޭވެހުނަސް އަދި އަވިދިނަސް ހަމަ ޖެޓީ މަތީ ތިބެގެން މަސްކަނޑަން ޖެހެނީ. މި ގާއިމްކުރެވުނު މަސްކަނޑާތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން" އެސް.އެލް.އައި.ޑީގެ އޮފިޝަލް ވިދާޅުވިއެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަންނަނީ މިތަން ބޭނުންކުރަމުންނެވެ. މިތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.