ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަތުރުވެރިންނަށް ހާއްސަކޮށްގެން، އާ ގޯލްޑަން އިޔާ ސިމް ޕެކް މިއަދު ތައާރަފުކޮށްފި އެވެ.
ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި މި ސިމް ޕެކް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.
މި ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމަނާފައިވާއިރު، ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާވެސް ވަނީ ހިމަނާފައެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު އުރީދޫ ވެސް އޮތީ މި އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި ކަމަށެވެ.
"މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން." ނިޔާޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ އޫރިދޫގެ ފަރާތުން އިސްނަގައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފްކުރި މި ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އުރީދޫ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި، ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. މިދިޔަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕާއި ގުޅިގެން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ކެމްޕޭނެއް، ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާފައެވެ.