Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އިންޓަވިއުގެ މައްސަލައިގައި ލުކާކޫ ޖޫރިމަނާކޮށްފި

ޗެލްސީގައި އަދާކުރަމުންދާ ރޯލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ރޮމެލޫ ލުކާކޫ ދިން އިންޓަވިއުއާ ގުޅިގެން ޗެލްސީން އޭނާ ޖޫރިމަނާކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ލުކާކޫ ޗެލްސީ އަށް ބަދަލުވީ އިންޓަ މިލާނުން 97.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. މިއީ ޗެލްސީގެ ތާރީހުގައި އެންމެ ބޮޑު އަގެއްގައި ގެނައި ކުޅުންތެރިއާ އެވެ. ނަމަވެސް ދާދިފަހުން "ސްކައި އިޓާލިއާ" އަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ވަނީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އޭނާ ބޭނުންކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ކައިރި މުސްތަގުބަލެއްގައި އަލުން އަނބުރާ އިންޓަ އަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެ އިންޓަވިއުގެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ލީގުގައި ޗެލްސީން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން ވެސް ލުކާކޫ އަށް ޖާގަދީފައެއް ނުވެ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ނަމަވެސް އެ މެޗަށްފަހު ޓުޗެލް އާއި ލުކާކޫއާ ދެމެދު ދެކެވުނު ވާހަކަތަކަށްފަހު ލުކާކޫ ވަނީ ކްލަބާއި ކުޅުންތެރިން އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީފައިންގެ ފުރަތަމަ ލެގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކޯޗު ޓުޗެލް ބުނީ އިންޓަވިއުގެ މައްސަލައިގައި ލުކާކޫ އަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެކަން ލުކާކޫ ބަލައިގަންނާނެ ކަމަށެވެ.

އެގޮތުން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އެޅުމަށް ނިންމާފައިވަނީ ޖޫރިމަނާ ކުރުން ކަމަށް ޓުޗެލް ބުންޏެވެ. ނަމަވެސް ޖޫރިމާނާ ކުރާނީ ކިހާ އަދަދަކުން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ނިންމާފައިވަނީ ލުކާކޫގެ ދެ ހަފްތާގެ މުސާރަ ޖޫރިމަނާގެ ގޮތުގައި ނެގުމަށެވެ.

ޗެލްސީން އިއްޔެ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ލުކާކޫ ބައިވެރިވިއިރު މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެ އެވެ.