Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް ޕާކިސްތާނުގެ އިދިކޮޅުން ބޮޑު މުޒާހަރާއެއް ބާއްވަނީ

ޕާކިސްތާންގެ އިދިކޮޅު ލީޑަރު މައުލާނާ ފަޒްލުރު ރަހްމާން އަދި ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން--

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެގައުމުގެ އިދިކޮޅުން ނިންމައިފިއެވެ.

މާޗް 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުޒާހަރާއާ ގުޅޭގޮތުން ޕާކިސްތާނުގެ އިދިކޮޅު ޕާޓީ، ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް)ގެ، ވެރިޔާ މައުލާނާ ފަޒްލުރު ރަހްމާންއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، މި މުޒާރާ ބާއްވާނެ ކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެކަމަށެވެ. އެގޮތުން މުޒާހަރާ ބޭއްވުމަށް މިހާރު ނިންމާފައިވާ ދުވަސްވަރަކީ ލޯކަލް ގަވަރމަންޓް އިންތިޚާބުގެ ދެވަނަ ފިޔަވަހީގެ ދުވަސްވަރަށް ވީނަމަވެސް އެ ތާރީޚަށް ބަދަލެއްނައިސް މުޒާހަރާ ބާއްވާނެ ކަމަށެވެ.

މީގެއިތުރުން މައުލާނާ ފަޒްލުރު ވަނީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ބޭއްވި ލޯކަލް ބޮޑީޒް އިންތިހާބުގައި އިދިކޮޅު ޕާޓީ ޕީޑީއެމްއިން ކުރި މަސައްކަތްވެސް ފާހަގަކޮށްފައެވެ. އަދި އިދިކޮޅަށް އެ ޕްރޮވިންސްގެ އިންތިހާބު ކާމިޔާބުވީ އަފްޣާނިސްތާނުގެ މިހާރުގެ ހާލަތު އޮތްގޮތުން ކަމަށް ދެކޭކަމަށް މައުލާނާ ފަޒްލުރުއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މީގެއިތުރުން ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ވެރިކަންކުރާ ވެރިކަންކުރާ އިމްރާން ޚާންގެ ޕާޓީ ބަލިކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ބޭއްވި ލޯކަލް ބޮޑީ އިންތިޚާބުގައި ބަލިވުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ސަރުކާރުގެ މަގްބޫލުކަން ކުޑަވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.