ކޮވިޑް-19 ފެތުރޭތީ މާލޭގައި ނައިޓް މާކެޓް ފަދަ އިވެންޓުތައް ބާއްވަން ހުއްދަ ދިނުން މާލޭ ސިޓީ ކައުންސިލުން ހުއްޓާލައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން މިހާރު ފެނިފައިވުމާއި، ބަލިޖެހޭ ޢަދަދު މާލޭގައި މިހާރު ގިނަވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
"މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ވާހަކަ ދަންނަވައި އާންމުކޮށް އަންގާ އިޢުލާންކުރީމެވެ" ސިޓީ ކައުންސިލުން ބުނެ އެވެ.
ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވެސް އުޅެނީ 200 އިން މަތީގައި ކަމަށްވާއިރު އިއްޔެ މާލެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރާފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވާނެ ތިން ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފަ އެވެ.