Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް ޗެލްސީ ފައިނަލާ ގާތަށް

އިނގިރޭސި ލީގުގެ ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި 2-0 އިން ޓޮޓެންހަމް ބަލިކޮށް ފައިނަލާ ގާތަށް ޗެލްސީން ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ދާދިފަހުން ދިން އިންޓަވިއުއެއްގެ މައްސަލައިގައި ޗެލްސީގެ ސްކޮޑުން ބާކީކުރި ރޮމެލޫ ލުކާކޫ އަށް ފުރަތަމަ އެގާރައިން ޖާގަ ދިންއިރު މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓްގައި ކައި ހަވެޓްޒް ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 34 ވަނަ މިނެޓްގައި ޗެލްސީން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ގޯލަކީ ޓޮޓެންހަމްގެ ބެން ޑޭވިސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ދެވަނަ ހާފްގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ޓިމޯ ވާނާ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ލޮރިސް ދިފާއުކުރިއިރު ފުދޭވަރަކަށް ހުހަށް ހުރެ ޒިޔެކް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ރޭގެ މެޗުގައި ޓޮޓެންހަމްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް އެޓީމަށް ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާ އެވެ.

މި ދެ ޓީމު ބައްދަލުކުރާ ސެމީގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.