Last Updated: July 8, 16:08
Tuesday, July 8, 2025
ވިޔަފާރި

ބީއެމްއެލް އިން ގޮއިދޫގައި ބާބަކިޔު ސަރަހައްދެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގޮއިދޫ ސްޕޯރޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން ބ. ގޮއިދޫގައި ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ބާބަކިއު ހެދުމަށް ފަރުމާކޮށްފައިވާ މިތަން ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ ހުޅުވާލާފައެވެ. މިތަން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ހިޔާވާނެ ގޮތަށް ހަޓް ހަދައި، ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ބޭނުންކުރާނެ ބެންޗާއި މޭޒްވަނީ ބަހައްޓާފައެވެ. އަދި ކުނި އެޅުމަށް މި ސަރަހައްދުގައި ވަނީ ޑަސްބިންވެސް ބަހައްޓާފައެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް އައިސްފައިވާ ކަމަށެވެ.

"ގޮއިދޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ސައީދު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.