Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިންޓަނެޓް ލަސްވެގެން ކަންބޮޑުވާ ބަޔަކު މިހާރު ނެތް: ފައްޔާޒު

އިންޓަނެޓް ލަސްވެގެން ކަންބޮޑުވާ ބަޔަކު މިހާރު ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮވެފައިވާ ކަމަށާއި މިހާރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާ ކަމަށެވެ.

"މިނިސްޓަރު ޝައުނާ ވަޑައިގެން ހަމަ ވަގުތުން އިންޓަނެޓްގެ އަގުހެޔޮ އެ އޮތީކޮށްލާފައި. ކާކުތޯ މިހާރު އިންޓަނެޓް އަގުބޮޑުވެގެން، އިންޓަނެޓް ލަސްވެގެން އުޅެނީ؟ ނޫޅޭ އިނގޭތޯ" ފައްޔާޒު ވިދާޅުވި އެވެ.

އިންޓަނެޓްގެ މައްސަލަ އަށް ހައްލެއް ގެނައުމަކީ މިއޮތްހާ ޒަމާންވީ އިރު ވެސް ނުކުރެވި އޮތް ކަމެއް ކަމަށާއި އިންޓަނެޓް މެދުވެރިކޮށް މިއަދު ވެސް ބަލާލުމުން މި ސަރުކާރުން އެކި ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޓަނެޓްގެ އަގުތަކަށް މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުން ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޓަރނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރާ ގިނަ ޚިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ޚަރަދު އުނިވެގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ އިންތިހާބުގެ ވައުދެކެވެ.