ށ.ކޮމަންޑޫ އާ އިންޖީނުގޭގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށައިފި އެވެ.
ފެނަކައިން މިއަދު ބުނީ ކޮމަންޑޫ އައު އިންޖީނުގޭގެ މަސައްކަތް ނިމި އައު އިންޖީނުގެއިން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އިއްޔެ އިން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ލޯންޗުކުރުމަށް ކޮމަންޑޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެރަށުގައި ހުރި 32 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ނިއްވާލަދެއްވާފައެވެ. އެ އިންޖީނުގެ އަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ.
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށްވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާ އެވެ. އެގޮތުން އެ މަސައްކަތުގެ 99 ޕަސެންޓް ހާސިލުކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.
އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން އަންނަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ.