Last Updated: July 7, 06:23
Monday, July 7, 2025
ވިޔަފާރި

ކެނަރީފް ރިސޯޓު މި މަހު 15 ގައި ހުޅުވަނީ

ކެނަރީފް ރިސޯޓު - ފޮޓޯ: އަލީ ނިޒާރު/ ޓްވިޓާ

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓު މި މަސްތެރޭ ހުޅުވުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ރިސޯޓު މި މަހުގެ 15 ގައި ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކެނަރީފް ރިސޯޓު ހުޅުވުމަށް ވެފައިވާ ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކެނަރީފް ބަންދުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ސަބަބުން އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އައްޑޫގެ 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ.

ކެނަރީފް ރިސޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ރިސޯޓުގެ އެކި ޑިޕާޓްމެންޓުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކޮށްފަ އެވެ.

ކެނަރީފްގެ އިތުރުން އައްޑޫގައި ހިންގަމުން އައި އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވެސް އޮތީ ބަންދުކޮށްފައެވެ. އެ ރިސޯޓު ހުޅުވޭނެ ތާރީހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.