Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އުޝާމްގެ ރައްދު އަނެއްކާވެސް ރައީސްއަށް، ވިދާޅުވީ "ފެންނަނީ ހުދުމުހްތާރުކަން" ކަމަށް!

ށ. ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ބައެއް ވާހަކަތަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަނެއްކާވެސް ރައްދު ދެއްވައިފިއެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދުތައް އެބަހުރި ކަމަށާއި، އެކަންކަން ފުއްދޭނީވެސް އެމްޑީޕީއަށް ކަމަށެވެ. އެހެންކަމުން އެހެން ޕާޓީތަކުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ބޭފުޅުން އެހަށް މަޑުކޮށްލެއްވުމަށް އެދޭކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ މި ވާހަކައަށް ރައްދު ދެއްވާ އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިންތިހާބުތަކަށް ކުރިމަތިލުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްވެސް ލިބޭ އަސާސީ ހައްޤެއްކަމަށެވެ.

"މިއާހިލާފަށް ދައުލަތުގެ އެންމެމަތީވެރިޔާގެ ބަސްމަގު ހުރުމަކީ ލަދުވެތިކަމެއް." އުޝާމް ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ އެންމެ ޑިމޮކްރެޓިކްކަމަށް ވަކާލާތުކުރައްވާ ބޭފުޅުންގެ ފަރާތުންވެސް ފެންނަނީ ހުދުމުހްތާރުކަން ކަމަށެވެ.

މީގެކުރިން އުޝާމް ވަނީ ރައީސް ސޯލިހް އެ ޖަލްސާގައި، ރައްޔިތުން ވޯޓު ދޭންވާނީ ޑްރަގް ވިޔަފާރިއާ ދެކޮޅަށް، ވަގު ވިޔަފާރިއާ ވެސް ދެކޮޅަށް، ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރުމާ ދެކޮޅަށް އަދި ބަގާވާތާ ވެސް ދެކޮޅަށް ކަމަށް ވިދާޅުވުމުން އެކަމަށްވެސް ފާޑިވިދާޅުވެފައެވެ. އެގޮތުން ރައީސްގެ އެވާހަކައަށް ރައްދު ދެއްވާ އުޝާމް ވިދާޅުވީ، ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ ކަމަށެވެ. އަދި ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ ރައީސް ސޯލިހްގެ ޕާޓީއާއި ސަރުކާރުގައި ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.