Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އެމްޑީޕީ އަކީ ވެރިކަމާ 100 ފޫޓަށްވެސް ކައިރިކުރަން ހެޔޮވަރު ބައެއްނޫން

އެމްޑީޕީއަކީ ވެރިކަމާ 100 ފޫޓަށް ވެސް ކައިރިކުރަން ހެޔޮވާ ވަރުގެ ބައެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިކަމުގައި ދުވަސްތަކެއް ވަންދެން އެމްޑީޕީ އޮތުމަކީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވެރިކަމާ 100 ފޫޓަށް ކައިރިކުރަން ވެސް ހެޔޮވާވަރު ބައެއް ނޫން ކަމަށާއި މުޅިން ވެސް އަމިއްލަ އަންބޮނޑި ބޮޑުކުރަނީ ކަމަށެވެ.

"ނިކަމެތި ރައްޔިތުން ވީމާ އާސަންދައަކީ ބުރައެއްކަމަށް ސިފަކުރެއްވިއިރު، ރައީސް ނަޝީދުގެ ގަނޑުވަރަށް 5 އަހަރުން 500 މިލިއަން ހޭދަކުރުން އެއީ މޮޅުކަމެއް؟" ޖަމީލު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ މައްސަލަތަކާއި، ރައްޔިތުން އެދޭ ކަންކަން ބަޔާން ކުރަމުން އަންނަ ޕާޓީ ކަމަށެވެ.

"އެހެން ޕާޓީތަކަށް މިސާލެއްގެ ގޮތުގައި އޮތް ޕާޓީއެއް، އަޅުގަނޑުމެން ކަންކުރާ ގޮތަށް އެހެން މީހުން އެދަނީ ކަންކުރަމުން. އެހެން ޕާޓީތައް އެދަނީ ކަން ކުރަމުން" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ރާއްޖެ އަށް ވެސް އެންމެ ރަނގަޅު ގޮތްކަން ކޮމަންޑޫގެ އިންތިހާބުގައި ރައްޔިތުން ތަކުރާރުކުރަންޖެހޭ ކަމަށެވެ. އެގޮތުން މިއީ ގޮނޑި އަކަށް ވުރެ ބޮޑު ވާހަކައެއް ކަމަށާއި އެމްޑީޕީގެ އަތުގައި ގިނަ ގޮނޑިތަކެއް މިހާރުވެސް އޮތްއިރު އަދިވެސް ވޯޓުލާން އެންމެ އައުލާކަން ބޮޑި އެމްޑީޕީ އަށްކަން މި އިންތިހާބުގައި ދައްކުވައިދޭންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.