އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުން ވަނީ ބަޣާވާތަކަށް ކަމަށް މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕޭން ފެށުމަށް މިދިޔަ ހުކުރު ދުވަހުގެރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުން ވޯޓު ދޭންވާނީ ޑްރަގް ވިޔަފާރިއާ ދެކޮޅަށް، ވަގު ވިޔަފާރިއާ ވެސް ދެކޮޅަށް، ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރުމާ ދެކޮޅަށް އަދި ބަގާވާތާ ވެސް ދެކޮޅަށް ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޝިދާތާ ވިދާޅުވީ އެމްޑީޕީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުން ވަނީ ބަޣާވާތަކަށް ކަމަށާއި ފަހުން އެ ކަމެއް ކުރީ އެމްޑީޕީ މީހުން އިސްވެ ތިބެ ކަމަށްވާއިރު އޭރު އެކަންވީ އިހުތިޖާޖަކަށް ކަމަށެވެ.
"ކޮންމެ އިންތިހާބަކާ ދިމާކޮށް ރައްޔިތުން ގުނބޯ ހަދަން ބަޣާވާތޭ ގޮވުން ހުއްޓަން ވެއްޖެ" ޝިދާތާ ވިދާޅުވި އެވެ.
Mdp sarukaaraa dhekolhah ihuthijaaj kureema e vee bagaavaathakah. Fahun eh kameh kuree MDP meehun isve. E vee ihuthijaajah. Konme inthihaabakaa dhimaakoh rayyithun gubo hadhan bagaavathey govun huttan vejje.
— Shidhatha Shareef (@iamshidhatha) January 9, 2022
ބަޢާވާތުގެ ބައިވެރިންނާއި ދެކޮޅަށް ވޯޓް ދޭން ޖެހޭ ކަމަށް އިޝާރާތް ކުރައްވާ ރައީސް ނުސީދާކޮށް ފާޑުވިދާޅުވީ ޝިދާތާ ނިސްބަތްވެ ވަޑައިގަންނަވާ އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް) އަށެވެ. އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރާ ގޮތުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނީ ނާޒިމް އަޑީގައި ހުންނަވާ ކުރެއްވި ބަޣާވާތަކުންނެވެ. ނަމަވެސް އެ ތުހުމަތުތައް ނާޒިމް ވަނީ ތަފާތު އެކި ފަހަރު މަތިން ދޮގުކުރައްވާފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގެ ފޯރި އިންތިހާ އަށް ގަދަވެފައިވާއިރު، މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.