Last Updated: April 23, 14:18
Tuesday, April 23, 2024
ރިޕޯޓް

މާލެއިން އެނބުރި ރަށަށް ދާންވީމަ ޕީސީއާރު ޓެސްޓް، މާލޭގައި ކިތަންމެ ތޮއްޖެހުނަސް ރަނގަޅު؟!

ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން އަތޮޅު ތެރޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ވެރިރަށް މާލޭގައި އަމަލުކުރާ "ފިނި ގޮތުން" މާލޭގައި ކޮވިޑް ފެތުނަސް ވަރިހަމައޭ ބައެއްް ފަހަރު ހީވާ ކަހަލަ އެވެ. ނޫނީ އަތޮޅު ތެރެއާއި މާލޭ އާއި ކޮވިޑަށްވެސް ވަކިކުރަން އެނގޭހެންވެސް އެޗްްޕީއޭއިން އަަމަލުކުރާ ގޮތުން ބައެއް ފަހަރު ހީވެ އެވެ.

ކޮވިޑު ފެތުރެމުންދިއުން ހުއްޓުވުމަށް ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތަސް މާލޭގައި މި ފަހުން އެއްވެގެން ނުކުރާ ކަމެއް ނެތެވެ. ގައިދުރުކަމެއް ނެތި ކިޔުތައް ދަމާލައިގެން ތިބެ ނެގި ޓިކެޓްތަކާއެކު ފުޓްބޯޅަ މެޗްތައް ބަލަން ގަލޮޅުދަނޑަށް މީހުން އެއްވިއެވެ. ސިޔާސީ ބޮޑެތި ޖަލްސާތަކާއި މުޒާހަރާތައް ވެސް ބާއްވަނީ އެވެ. ނުވިތާތަކަށް ނަން މަޝްހޫރު "އުނގުޅޭ ބާޒާރުވެސް" ބޭއްވީ އެވެ. އަދި އެންމެ ފަހުން އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ބޭއްވި ޝޯއަކުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތްހެން ވެސް ހީނުވެ އެވެ. ނަމަވެސް އެޗްޕީއޭއިން ހަރުކަށި ފިޔަވަޅުތައް އަތޮޅު ތެރޭގައި ގެންދިޔައީ އަޅަމުންނެވެ. ރަށެއް މޮނިޓަރިންނަށް ލައި، އެތައް ދުވަހެއް ވަންދެން ދިގު ދައްމާލައިގެންވެސް ތިބެ އެވެ.

މި ފަހަރުވެސް ދިމާވީ މި ފަދަ ގޮތެކެވެ. ނަމަވެސް ސްކޫލް ބަންދާ ދިމާކޮށް އަތޮޅު ތެރެއިން މާލެ ދިޔަ މީހުން އެނބުރި ރަށަށް އައުމާ ދިމާކޮށް އެޗްޕީއޭއިން ކޮވިޑް ފެތުރިދާނެތީ ކަމަށްބުނެ ކުއްލިއަކަށް ފިޔަވަޅުތައް ހަރުކަށިކުރީ އެވެ. އަތޮޅު ތެރޭގައި ދިރިއުޅޭ އެތައް ބަޔަކު ރަށަށް ގޮސް ކަރަންޓީނުވެގެން ތިބެ ކޮވިޑް ޓެސްޓްކުުރަން ފުރުސަތެއް ނުދިނެވެ. އޭގެ ބަދަލުގައި ޕީސީއާރުޓެސްޓް ހަދައިގެން ނެގެޓިވް ނަތީޖާއަކާ އެކީ ނޫނީ ރަށަށް ނުދެވޭ ގޮތައް ގަވައިދު ހަރުކަށިކުރީ އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހުން ވެސް، މާލެއިން ދަތުރުކުރާ ނަމަ، 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށެވެ. އަދި ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން 14 ދުވަހަށް ކަރަންޓީން ވާން ޖެހޭނެ ކަމަށާއި ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ގައިދުރުކަމެއް ނެތް ކިޔުތަކުގައި ޕީސީއާރުޓެސް ހަދަން މީހުން ތޮއްޖައްސާފައި
ޕީސީއާރުޓެސް ހަދަން މަޖުބޫރުވުމުން އަތޮޅު ތެރެއިން ބޭސްފަރުވާއަށާއި ޒަރޫރީ ބޭނުންތަކަށް މާލެ އައިސްތިބި އެތައް ބަޔަކު ޓެސްޓް ހަދަން މަޖުބޫރުވެއްޖެ އެވެ. ނަތީޖާއަކަށްވީ މާލެ ސަރަހައްދުގައި ހިލޭ ޕީސީއާރު ޓެސްޓު ހަދައިދޭ ސޯޝަލް ސެންޓަރާއި ސެނެހިޔާ ހޮސްޕިޓަލް ކައިރީގައި އެތައް ބަޔަކު އެއްތާކަށް އެއްވާންޖެހުމެވެ. ހިލޭ ޓެސްޓް ހެދޭ ތާކަށްދާންވެގެން ގިނަ ބަޔަކު އެއްތާކަށް ޖަމާވާން ޖެހުމުން ގައިދުރުކަމެއް ނެތެވެ. އެ މަންޒަރު ބަލާލުމުން މާލޭގައި ކިތަންމެ ގައިގޯޅިކަން ބެހެއްޓިޔަސް ކޮވިޑް ނުފެތުރޭނެ އޭ އެޗްޕީއޭއިން ބުނާ ކަހަލަ ކަމަށް މީހުން ބުނެ އެވެ.

އެޗްޕީއޭއިން ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުއަޅާ މާލެއިން ފުރާ މީހުން ޕީސީއާރުޓެސް ޓެސްޓް ހެދުމަށް މަޖުބޫރު ކުރުމުން އަތޮޅު ތެރޭގައި އެ ހިދުމަތް ނެތީތޯ ސުވާލު އުފެދެ އެވެ. ސްކޫލް ބަންދަށް ފަހު އަލުން ސްކޫލްތައް ހުޅުވެން ކައިރިވުމުން އަތޮޅު ތެރެއަށް ދާނަމަ ޕީސީއާރު ޓެސްޓް ހެދުމަށް މަޖުބޫރު ކުރުމަކީ އަތޮޅު ތެރެއާއި މާލެ ގެންގުޅޭ ތަފާތުކުރުން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމެކެވެ.

ކްލިނިކްތަކަށް ބޮޑު ފައިދާއެއް
އަތޮޅުތެރެއަށް ދާން ޖެހޭނީ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާއަކު ކަމަށް ބުނުމުން ބައެއް މީހުން އިހްތިޔާރު ކުރަނީ އަމިއްލަ ކްލިނިކްތަކެވެ. އޭގެ ސަބަބުން ބޮޑު އަދަދެއްގެ ފައިސާ އަތުން ދައްކަން ޖެހުނަސް ކިޔުގައި ޖެހިފައި ތިބުމަށް ވުރެ ބައެއް މީހުނަށް އެގޮތްވެސް ރަނގަޅެވެ. އެހެން ކަމުން މިއީ ކްލިކްތަކަށް ލިބޭ ބޮޑު ފައިދާ އެކެވެ. އެހެން ކަމުން ކޮވިޑާމެދު މާލޭގައި މާ ބޮޑު އަހައްމިއްޔަތައް ކަމެއް ނުދީ ތިބެފައި ކުއްލިއަކަށް ކުރާ ކަމެއް ކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ.

މިހާ ފާޅުކަން ބޮޑު ގޮތެއްގައި ކުއްލި ކުއްލިއަކަށް ގެންނަ ބަދަލުން އާއްމު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށްވެ ވިޔަފާރިވެރިންގެ ޖީބުތައް ފުރޭ ކަމީ ރައްޔިތުންގެ ކުރާ ތުހްމަތެކެވެ. އެކަން އެގޮތައް ކުރިއަސް އެކަމާ އެތައް ބަޔަކު ނުރުހޭކަން ސޯޝަލް މީޑިޔާގައި މީހުން ފާޅުކުރާ ޝުއޫރުތަކުން އެނގެ އެވެ.

"އެޗްޕީއޭ ޕްރައިވެޓް ލިމިޓެޑަށް ނަން ބަދަލުކުރަން ފެނޭ. ސަރުކާރުގައި ކޮވިޑްގެ ޓެސްޓުން މަންފާ ނުލިބޭ މީހަކު މަދު. ކޮންމެ ދެ މީހަކަށް ޓެސްޓް މެޝިނެއް އެބަހުރި. ކޮވިޑް ވިޔަފާރި ހުއްޓާލާކަށް ނުވޭތަ؟،" އާއްމު މީހަކު ސޯޝަލް މީޑިޔާގައި ބުނެފައިވެ އެވެ.

ކޮވިޑް ޓެސްޓްކުރަންކުރަން ހަދާ ޕީސީއާރު ޓެސްޓް ނަތީޖާއާއެކު ނޫނީ ރަށްރަށަށް ނުދެވޭނެ ގޮތައް މިހާރު ހެދި ނަވެސް ސްކޫލްތައް ހުޅުވުމާއެކު އަނެއްކާވެސް މާލޭގައި ތިބޭ މީހުން ކެމްޕެއިންތަކަށާއި އެހެން ބޭނުންތަކަށް އަތޮޅު ތެރެއަށްދާންވީމަ އެ އުސޫލު ބަދަލުވާނެ ކަމަށްވެސް ބައެއް މީހުން ދެކެ އެވެ. އެޗްޕީއޭއިން ކުއްލި ކުއްލިއަކަށް ގެންނަ މިފަދަ ބަދަލުތައް މީހުން ސީރިއަސްކޮށް ނުނަގާތާ ބައެއް މީހުން ދެކެނީ ބޮޑު ޗޯކެއް ގޮތުގައި އެވެ. ނުވަތަ މަޖާގަނޑެއްގެ ގޮތުގަ އެވެ.