Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

އާސެނަލް ލަދުވެތި ގޮތަކަށް އެފްއޭ ކަޕުން ކަޓައިފި

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން ބަލިވެ އެފްއޭ ކަޕުގެ ތިން ވަނަ ބުރުން ލަދުވެތި ގޮތަކަށް އާސެނަލް ކަޓައިފި އެވެ.

މިއީ ފާއިތުވި 26 އަހަރު ތެރޭ މުބާރާތުގެ ތިންވަނަ ބުރުން އާސެނަލް ކެޓި ދެވަނަ ފަހަރެވެ. މީގެކުރިން ވެސް އެޓީމު ތިންވަނަ ބުރުން ކެޓީ ނޮޓިންހަމް ފޮރެސްޓު އަތުންނެވެ. އެފަހަރު އާސެނަލް ފޮރެސްޓު އަތުން ބަލިވީ 4-2 އިންނެވެ. އާސެނަލް އަކީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. އެއީ 14 ފަހަރެވެ.

ފޮރެސްޓުގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގްރަބަން އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ހުހަށް ހުރެ ކުރިއަށް ފޮނުވާލައިގެންނެވެ.

އާސެނަލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ފޮރެސްޓުގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި ފޮރެސްޓު ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލެސްޓަ ސިޓީއާ އެވެ.

އެފްއޭކަޕުން އާސެނަލް ކެޓިއިރު މުބާރާތުގެ ތިންވަނަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ލިވަޕޫލް އާއި ޓޮޓެންހަމް ވަނީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފަ އެވެ.