Last Updated: April 25, 22:40
Thursday, April 25, 2024
ޚަބަރު

ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތު ދޯހަޅި

ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތު ދޯހަޅި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައި މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމުން އެޗްޕީއޭ އަށް އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން އެންމެފަހުން ނައިޓް މާކެޓު ނުބާއްވަން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ.

ރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތުތައް ކިތަންމެ ދޯހަޅި ނަމަވެސް އެ ސިޔާސަތުތައް ކަނޑައެޅުމުން އެއާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ތަންފީޒު ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެ މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި، ހާއްސަކޮށް ކޮވިޑާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތަކުގައި އެއްވެސް ވަރެއްގެ ހަރުދަނާ ކަމެއް ނެތްކަން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ނައިޓް މާކެޓު ފަދަ އިވެންޓުތައް ބޭއްވުމުގެ ނިންމުންތައް ނިންމަނީ މާލޭ ސިޓީ ކައުންސިލުން ނޫން ކަމަށާއި މިފަދަ ކަންކަން ކުރަން ހުއްދަ ދީފައިވަނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން އެހެން ގޮތެއް ނާންގާހާ ހިނދަކު އޮންނަ އުސޫލުގެ ތެރެއިން ދާނީ ކުރިއަށް ކަމަށާއި ނަމަވެސް އެޗްޕީއޭ އިން ހުއްޓާލަން އެންގުމާއެކު ނައިޓް މާކެޓުތައް ބޭއްވުމުގެ ހުއްދަ ދިނުން ހުއްޓާލި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި މިއަދުން ފެށިގެން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި، 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމާއި، މަގުމަތީ ބާޒާރުތައް ނުބޭއްވުމުގެ އިތުރުން ކުޅިވަރު މުބާރާތްތައް، ކުޅިބަލާ މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމެވެ.