Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ގަވައިދާ ހިލާފަށް ވޯކީޓޯކީ ގެންގުޅުނު މައްސަލައިގައި އަން ސަން ސޫކީގެ މައްޗަށް ޖަލު ހުކުމެއް

އަން ސަން ސޫކީ--

ގަވައިދާ ހިލާފަށް ވޯކީޓޯކީ ގެންގުޅުނު މައްސަލައިގައި މިޔަންމާގެ ކުރީގެ ލީޑަރު އަން ސަން ސޫކީގެ މައްޗަށް އިތުރު ޖަލު ހުކުމެއް އިއްވައިފިއެވެ.

އުމުރުން 76 އަހަރުގެ އަން ސަން ސޫކީގެ މައްޗަށް މިހާތަނަށް ޖުމްލަ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ މައްޗަށް އިތުރު އެތައް ދައުވާއެއް ވެސް އުފުލާފައިވެއެވެ.

މިޔަންމާގެ މިލިޓަރީ ކޯޓުން ވަނީ މިޔަންމާގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނާއި، މުވާސަލާތީ އާލާތްތައް ގެންގުޅުމުން، މިޔަންމާގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނާއި، ޓެލެކޮމިއުނިކޭޝަން ގާނޫނާ އަން ސަން ސޫކީ ހިލާފުވެފައިވާ ކަން ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. ސޫކީގެ ވަކީލުން ބުނެފައި ވަނީ ވޯކީ ޓޯކީތަކަކީ ސޫކީގެ ސެކިއުރިޓީ ޑީޓެއިލްއަށް ނިސްބަތްވާ ތަކެތިކަމަށާއި އެ ދައުވާތަކަކީ އެއްވެސް އަސްލެއްނެތް އަދި ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.

ގަވައިދާ ހިލާފަށް ވޯކީޓޯކީ ގެންގުޅުނު މައްސަލައިގައި ދެ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވިކަމަށްބުނެ އިތުރު ދެ އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ.

އަން ސަން ސޫކީގެ މައްޗަށް އިތުރު ހަތް ދައުވާއެއް އުފުލިއިރު، އޭގެ ތެރޭގައި ކޮރަޕްޝަންގެ ފަސް ދައުވާއެއް ހިމެނެއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 89 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތެއްކޮށް، ސޫކީގެ އިންތިޚާބީ ސަރުކާރު ވައްޓާލައި، ލީޑަރުން ހައްޔަރުކުރި އިރު، ސޫކީ މިހާރު ހުރީ ގޭ ބަންދުގައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މިޔަންމާގެ އަސްކަރިއްޔާއިން މިޔަންމާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ކުރުމަށްފަހުއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ. އަދި އެމުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާތަކުގައި އެތައްބަޔަކު މަރުވެސް ވިއެވެ.

ގާތްގަނޑަކަށް 50 އަހަރުވަންދެން މިޔަންމާގައި ވެރިކަން ކުރަމުން އައިސްފައިވަނީ އެގައުމުގެ އަސްކަރިއްޔާ އިންނެވެ. ނަމަވެސް 2010 ވަނަ އަހަރު އެކަން ބަދަލުވިއިރު، މިޔަންމާގެ ގާނޫނު އަސާސީ މިހާރު ބުނާގޮތުން އެގައުމުގެ އަސްކަރިއްޔާ އަށް ގާނޫނު ހަދާ މަޖިލީހުން ވަކި މިންވަރަކަށް ގޮނޑިތަކެއް ދޭން ލާޒިމު ކުރެއެވެ. އަދި ބާރުގަދަ ބައެއް ވުޒާރާތައް ވެސް އަސްކަރިއްޔާ އަށް ދޭން އޮންނަނީ ލާޒިމުކޮށްފައެވެ.