މިދިޔަ މަހު ދެ ބިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި އެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.0 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45.0 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.
މިގޮތުން، ޑިސެމްބަރު 2020 އާއި އަޅައިބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، މިދިޔަ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޑިސެންބަރު 2020 ގައި ލިބިފައެއް ނުވެއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 47.0 ޕަސެންޓު ނުވަތަ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 485.44 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.