Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރުވެސް އެމްއެންޕީ އަށް ލިބިއްޖެ: ނާޒިމް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރުވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާ އަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާނު އިދުރީސްގެ ކޮމަންޑޫ ކެމްޕޭނު އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ މަޖިލީހުގައި ތިއްބަވާ މެމްބަރުން ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ ޝުއޫރުތައް އިއްވުން ކަމަށާއި އެގޮތުން މި ޝުއޫރުތައް އެމްއެންޕީން ބޭއްވި ޖަލްސާތަކުގައި އިއްވުމުން ސަރުކާރުން އަޑުއަހާ އެ ކަންކަން ރައްޔިތުންނަށް ހާސިލުވާން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މިހާރު ވެސް މި ގޮނޑި ލިބިއްޖެ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މި ކެމްޕޭނު ތެރޭގައި އެމްއެންޕީން އަދާކުރީ މަޖިލީހުގައި މެމްބަރެއް އަދާކުރަންޖެހޭ ރޯލު ކަމަށާއި އެމްއެންޕީ އަކީ ޒިންމާދާރު އަދި ސަރުކާރުން ވެފައިވާ ވައުދުތައް ހަނދާންކޮށްދޭނެ ޕާޓީއެއް ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަންކަމުގެ އަޑު އެމްއެންޕީން އިއްވާނެ ކަމަށާއި ހަންނާނު ގޮނޑި ކާމިޔާބު ކުރުމަށްފަހު ވެސް ދާއިރާ އަށް ކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވަނީ ހަންނާނުގެ ކެމްޕޭނު އެއް ގިޔަރަށް މައްޗަށް ޖައްސާލައި މަސައްކަތް ފެށުމަށް ކޮމަންޑޫ ރައްޔިތުންނަށް ގޮވާލާފަ އެވެ. އަދި މި ގޮނޑި ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.