Last Updated: April 19, 18:08
Friday, April 19, 2024
ޚަބަރު

މިއީ ޑިމޮކްރަސީ އަށް ފިލަން ދުވާ ސަރުކާރެއް: އިދިކޮޅު

އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

މި ސަރުކާރަކީ ޑިމޮކްރަސީއަށް ފިލަން ދުވާ ސަރުކާރެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރެވޭއިރު އެފަދަ މައްސަލަތައް ހުށަހަޅަން އޮތް އެއް މުއައްސަސާ ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އޭސީސީގެ މެމްބަރުން ވަކިކުރީ އެފަދަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށާއި މިއީ ދުރާލާ ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

މިފަދަ ކަންކަމަކީ ޑިމޮކްރަސީއާ ބީރައްޓެހި އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ދުރު ކަމެއް ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

"މި ސަރުކާރަކީ ޑިމޮކްރަސީއާ ބީރައްޓެހި، ޑިމޮކްރަސީއަށް ފިލަން ދުވާ ސަރުކާރެއް" ހީނާ ވިދާޅުވި އެވެ.

އޭސީސީގެ ހުރިހާ މެމްބަރު އިސްތިއުފާ ދީފައިވަނީ، އެ ކޮމިޝަންގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް މަޖިލީޙުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.