Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު

ހުޅުމާލޭގެ ހުރިހާ ޤާނޫނީ ބާރުތަކެއް ސަރުކާރުން ވަނީ ކައުންސިލް އަތުން ފޭރިގަނެފައި

އިބްރާހިމް ޝުޖާއު -- ފޮޓޯ: ޕީޕީއެމް

ހުޅުމާލޭގެ ހުރިހާ ޤާނޫނީ ބާރުތަކެއް ސަރުކާރުން މާލެސިޓީ ކައުންސިލްގެ އަތުން ފޭރިގަނެފައިވާ ކަމަށް ހުޅުމާލެ ދާއިރާ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ކުނީގެ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރުމުންނެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ ހުރިހާ ޤާނޫނީ ބާރުތަކެއް ސަރުކާރުން ފޭރި ގަނެ ކުންފުންޏަކާ ހަވާލު ކޮށްފައިވާކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނުން ކައުންސިލަށް ލާޒިމް ކުރާ މަސައްކަތްތައްވެސް ސަރުކާރުން ފޭރިގަނެފައި ވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހުޅުމާލެ ރައްޔިތުންގެ ހައްޤުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މައްސަލައިގައި ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ކާމިޔާބު ހޯދާނެކަމަށެވެ.

މިފަހުން މާލެސިޓީ ކައުންސިލުންވަނީ އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީވެސް ބާތިލުކޮށްފައެވެ. އެހެންނަމަވެސް އެލްޖީއޭއިންވަނީ އެ ނިންމުމަކީ ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށް ނިންމާފައެވެ. އަދި އެ މައްސަލަ އެޗްޑީސީން ކޯޓަށް ހުށަހަޅާފައިވެއެވެ.